މި އަހަރު ރާއްޖެއިން ހްއްޖަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އަންނަ މޭ 18، 2022 ގައި ގެޒެޓް ކޮށްފައިވާ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

އރ އުސޫލްގައިވާ ގޮތުން ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، އަދި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ހައްޖަށް މީހުން ގެންދިއުމުގެ ޚިދުމަތް ދިނުން ހިމެނިފައިވާ ސައްތަ އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އަދި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބި އުމްރާއަށް މީހުން ގެންދިއުމުގެ ދެ އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކަށް ވެސް ވާންޖެހެ އެވެ. އޭގެ އިތުރުން ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުންފުންޏަކީ، އެއްވެސް ގާނޫނަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހޭ ޓެކުހެއް، ނުވަތަ ފީއެއް، ނުވަތަ އަގެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ސާބިތު ދަރަންޏެއް، ނުވަތަ ޖޫރިމަނާއެއް، ޕްރޮޕޯޒަލް ހުށަހެޅުމާ ހަމަޔަށް ދައްކަންޖެހިފައިވާ ކުންފުންޏަކަށް ވެގެން ނުވާނެ ކަމަށް ވެސް މި އުސޫލްގައި ބަޔާންކޮށްފައިވެ އެވެ.

ހައްޖަށް މީހުން ގެންދިއުމާ ގުޅޭ ޕްރޮޕޯޒަލް ފޮތާއި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިން އޮންނާނީ އަންނަ މާޗް މަހުގެ ދެވަނަ ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މީޓިން ރޫމް 1 ގަ އެވެ

ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުން އަންނަ މަހުގެ 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 7 ވަނަ މާއްދާގެ (ހ) ގައި ވާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަންވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ. އެ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީއަކީ 10,000 ރުފިޔާ އެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ބަލައިގަންނާނެ އެވެ. ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމުއްދަތުގެ ތެރޭގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9 އަކުން 12 އަށެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގަ އެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޭނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ. ޕޮއިންޓް ގެ ގޮތުން އެއްވަރުވެއްޖެނަމަ، ހުއްދަދޭނެ ކުންފުނިތައް ކަޑައަޅާނީ ގުރުއަތު ލައިގެންނެވެ.

ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އަންނަނީ 1000 ކޯޓާ އެވެ. އަދި ބައެއް ފަހަރު އެ 1000 ކޯޓާގެ އިތުރަށް ވެސް ކޯޓާ ވަނީ ދީފަ އެވެ.

ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާގެ ތެރެއިން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދޭނީ 90 ކޯޓާ އެވެ. ހުއްދަ ލިބޭ ކުންފުނިތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 20،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ލިބޭ ހުރިހާ ކުންފުނިތަކުން ވެސް އެ ކުންފުންޏެއްގެ ހަވާލުގައި ހައްޖަށްދާ ހައްޖުވެރިންނަށް މިނާގެ ތެރެއިން ޖާގަ ކަށަވަރު ކޮށްދޭންވާނެ ކަމަށާއި، ހުއްދަ ލިބުމަށްފަހު ވެސް އެކަން ފުރިހަމަ ނުކުރެވޭނަމަ އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާޠިލުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.