އައްޑޫ ސިޓީއާއި މާލެއާއި ދެމެދު ދަތުރުކުރާ އާގަލާ ބޯޓުގައި ރޯވެ އެ ބޯޓު އަޑިއަށް ހިނގައްޖެ އެވެ.

މި ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ.ތުވަރު ކައިރިން އެ ބޯޓު ދަތުރުކުރަނިކޮށެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެ ބޯޓުގައި ތިބި މީހުން ވަނީ އަލިފާން ރޯވުމުން ބޯޓުން ފުންމާލާފަ އެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 2:47 ހާއިރު ކަމަށެވެ. ބޯޓުގައި ޖުމްލަ ދަތުރު ކުރަމުން ދިޔައީ 15 މީހުން ކަމަށާއި އެއީ 5 ދިވެހިންނާއި، 5 އިންޑިއާ މީހުން އަދި 5 ބަންގްލަދޭޝް މީހުންކަމަށެވެ.

އޭގެ ތެރެއިން 14 މީހުން ސަލާމަތް ކުރެވިފައިވާއިރު އިންޑިއާއަށް ނިސްބަތްވާ އެކަކު އަދި ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ބޯޓުން ސަލާމަތްކުރެވުނު 14 މީހުންނަށް މ. މުލީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.