ވާޖީނިއާ (މާޗް 9) - އެމެރިކާގެ ވާޖީނިއާ ސްޓޭޓުގެ ނިއުޕޯޓް ނިއުސް ސިޓީގެ ސްކޫލެެއްގެ ޓީޗަރަށް ހަމަލާދިން ހަ އަހަރުގެ ކުއްޖާ އަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރުން ނިންމައިފި އެވެ.
ނަމަވެސް ނިއުޕޯޓް ނިއުސް ސިޓީގެ އޮފިޝަލުން ބުނީ ކުޑަ ކުއްޖާ ބަޑިޖެހި މައްސަލާގައި ބޮޑު މީހެއްގެ އިހުމާލެއްވޭތޯ ބެލުމަށް ފަހު އެ މީހެއްގެ މައްޗަށް ދައުވާކުރުމާ މެދު ވިސްނަމުންދާ ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ ސްކޫލަށް ބަޑި ވެއްދީ ބެކްޕެކަށް ލައިގެން ކަމަށެވެ. އަދި އެ ބަޑި އަކީ އެ ކުއްޖާގެ މަންމަ ހުއްދަ ގޮތުގައި ހޯދާފައިވާ ބަޑިއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ޖެނުއަރީ 6 ވަނަ ދުވަހު ހިންގި އެ ހާދިސާގައި ނިއުޕޯޓް ނިއުސް ސިޓީގެ ރިޗްނެކް އެލެމެންޓަރީ ސްކޫލުގެ ގްރޭޑް 1 ގެ ކްލާސްރޫމުގައި ހަ އަހަރުގެ ކުޑަ ކުއްޖާ ޓީޗަރު އަބީ ޒުވެނާ އަށް ހަމަލާދީފައި ވަނީ ގަސްދުގައި ކަމަށް ފުލުހުން ބުންޏެވެ. އުމުރުން 25 އަހަރުގެ ޒުވެނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭނާގެ ފުރާނަ ވަނީ ސަލާމަތްކުރެވިފަ އެވެ.
ޓީޗަރުގެ ގަޔަށް އަމާޒުވީ އެންމެ ވަޒަނެކެވެ. ނަމަވެސް އެ ވަޒަން ވަނީ އޭނާގެ އަތް ފޫއަޅުވާލުމަށް ފަހު ގޮސް މޭގެ މަތީ ކަށިގަނޑާ ދިމާލަށް އަމާޒުވެފަ އެވެ. ކުއްޖާ ހަމަލާ ދިނީ ޓީޗަރު ފިލާވަޅު ނަގައިދެމުން ދިޔަ ވަގުތެއްގަ އެވެ.
ބަޑިޖެހި ހަ އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ވާޖީނިއާގެ ގާނޫނުތައް އޮންނަ ގޮތުން ހަ އަހަރުގެ ކުއްޖަކަށް ބޮޑު މީހަކާ އެއްގޮތަށް އަމަލެއް ނުކުރެވެ އެވެ. އަދި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ ދަށުގައި ބަހައްޓާ ވަރަށް ވުރެ އެ ކުއްޖާ ޅަކަމަށް ބުނެފައިވެ އެވެ. ނަމަވެސް ކޯޓެއްގެ ފަނޑިޔާރު ބޭނުން ނަމަ އެ ކުއްޖާ ބެލެހެއްޓުން ބެލެނިވެރިންގެ ކިބައިން ނެގުމަށް ފަހު ސްޓޭޓުގެ ސުޕަވިޒަނުގެ ދަށަށް ގެނެވޭނެ އެވެ.
ނިއުޕޯޓް ނިއުސްގެ ކޮމަންވެލްތު އެޓާނީ ހޮވާޑް ގްވައިން ވިދާޅުވީ ހަ އަހަރުގެ ކުއްޖަކަށް ދައުވާކުރުން ވަނީ ބޮޑު މައްސަލައަކަށް ކަމަށެވެ. އަދި ގާނޫނީ ނިޒާމު އޮންނަ ގޮތުން ދައުވާ ކުރެވޭ ވަރަށް ވުރެ އެ ކުއްޖާ މާ ޅަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 550 ދަރިވަރުން ކިޔަވާ ސްކޫލްގައި ވަނީ މެޓަލް ޑިޓެކްޓަރު ވެސް ހަރުކޮށްފަ އެވެ. ނަމަވެސް ކުދިން ޗެކްކުރަނީ ރެންޑަމްކޮށް ކަމަށްވެ އެވެ. އަދި ކޮންމެ ކުއްޖަކު ވަކިން އިންސްޕެކްޓް ނުކުރާ ކަމަށް ވެސް ވެ އެވެ.
ނިއުޕޯޓް ނިއުސް އަކީ 180،000 މީހުން ދިރިއުޅޭ ކުޑަ ސިޓީއެކެވެ. އެ ސިޓީ އޮންނަނީ ސްޓޭޓުގެ ވެރިރަށް ރިޗްމޮންޑުގެ ދެކުނުން 70 މޭލު ދުރުގަ އެވެ.