ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރުމާއަށް ދަރިއަކު ލިބުނު ފަހުން ކުޅުނު އެންމެ ފުރަަތަމަ ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ގޮތް ހިއްސާކޮށްފި އެވެ.

އަނުޝްކާއާއި އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީ ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ. އެކައިވެންޏަށް އަލަތު ދަރިފުޅު ވަމިކާ ކޯލީ ލިބުނީ 2021 ވަނަ އަހަރު އެވެ.

އޭނާގެ ތަޖުރިބާ ހިއްސާކުރަމުން އަނުޝްކާ ބުނީ ޗަކުދާ އެކްސްޕްރެސް ފިޔަވައި އެހެން އެއްވެސް މަސައްކަތެއް ކުރަން އޭނާއަށް ވަގުތު ނުލިބޭ ކަމަށެވެ. ޗަކްދާ އެކްސްޕްރެސްއަކީ އަނުޝްކާގެ ކުރިއަށް އޮތް ފިލްމެވެ.

މައެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ގޮންޖެހުންތައް ގިނަ ކަމެއް ކަމަށާއި ދެކަމަށް ވެސް އެއްވަރަކަށް ވަގުތު ދިނުމަށް އުނދަގޫވި ކަމަށެވެ.

އަނުޝްކާ އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި އިތުރު ފިލްމުތަކުން ފެނިގެން ދާނެ ކަމަށާއި އެހެން ނަމަވެސް ފިލްމުތައް ގަބޫލުކުރާނީ ދަރިފުޅު ވަމިކާއަށް ވަގުތު ހުސް ކުރެވޭ ނަމަ އެކަނި ކަމަށެވެ.

2008 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް އަނުޝްކާ މިހާތަނަށް ކާމިޔާބު ފިލުމުތަކަކުން ފެނިގެން ގޮސްފައިވެ އެވެ. އޭގެ ތެރޭގައި ރަބްނޭ ބަނާ ޑި ޖޯޑީއާއި އޭ ދިލް ހެ މުޝްކިލް ހިމެނެ އެވެ.