އަންނަ އަހަރު ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

އެކޯޓުން ބުނިގޮތުގައި ރަސްމީ ގަޑީގައި އަންނަ އަހަރު ކޯޓުގައި ކައިވެނި ކޮށްދޭނީ ހެނދުނު 8:30 ން 11:30 އަށް އަދި މެންދުރު ފަހު 1:00 ން 1:45 އަށެވެ. ނުރަސްމީ ގަޑީގައި ކައިވެނި ކޮށްދޭނީ ހަވީރު 4:00ން 9:30އަށެވެ.

އަންނަ އަހަރު ވެސް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނެ ކަމަށް ވެސް ފެމިލީ ކޯޓުން ބުނެފައިވެ އެވެ. އޭޕްރީލް 13 އިން މެއި 19 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 9:45ން 10:45އަށް ކަމަށާއި ޖުލައި 16 ން ޖުލައި 27 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:00ން 9:30 އަށް ކަމަށާއި އެހެން ހުރިހާ ދުވަހެއްގެ ހަވީރު 4:00 ރޭގަނޑު 9:30 އަށް ކައިވެނި ކޮށްދޭނެ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.

މީގެ އިތުރުން ރޯދަމަހު ކައިވެނި ކޮށްދޭ ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ފެމެލީ ކޯޓުން ބުންޏެވެ.

ކޮވިޑް- 19 އާއި ގުޅިގެން މިއަހަރު ފެމިލީކޯޓުން ކައިވެނި ކޮށްދެމުން އައީ އޮންލައިން ކޮށެވެ. އެގޮތުން ފުރަތަމަ އޮންލައިންކޮށް ރާއްޖޭގައި ކައިވެނި ކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު އެވެ. ހަމައެއާއެކު ވީޑިއޯ މެދުވެރިކޮށް ޖުލައި މަހުގެ 23 ވަނަ ދުވަހު 42 ކައިވެނި ފެމިލީކޯޓުން ކޮށްދީފައިވެ އެވެ. ކައިވެނި ކޮށްދިނުމުގެ އިތުރުން މައްސަލަތައް ވެސް ބަލައިގަންނަމުން ދިޔައީ އޮންލައިން ކޮށެވެ.

އޮންލައިންކޮށް ކައިވެނިކޮށްދިނުން ހުއްޓާލުމަށް ފަހު ކޯޓުގައާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ފަށާފައިވަނީ މި ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.