ލަންޑަން (މާޗް 14) - ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ދަށްވެ، ސާފު ނުކުރާ ފީފާއެއްގެ އަގު 67 ޑޮލަރަށް ވެއްޓިއްޖެ އެވެ.
އެމެރިކާގެ ބޭންކިން ނިޒާމާ މެދު އޮތް ބިރުވެރިކަން އިތުރުވެ، ފަހަކަށް އައިސް އެމެރިކާގެ ޑަބްލިއުޓީއައި ކްރޫޑް އޮއިލްއާއެކު ތެލުގެ އަގަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފަ އެވެ.
އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމިޑިއޭޓް (ޑަބްލިއުޓީއައި) ގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ 67 ޑޮލަރަށް ވުރެ ދަށަށް ގޮސްފައިވެ އެވެ. މިއީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު މިހާ ބޮޑަށް އަގު ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
ބުދަ ދުވަހު ޑަބްލިއުޓީއައިގައި ގާތްގަނޑަކަށް ތެޔޮ ފީފާއެއްގެ އަގު 7 ޕަސެންޓް ދަށަށް ގޮސް، ފީފާއެއްގެ އަގު 66.47 ޑޮލަރަށް ވެެއްޓިފައިވެ އެވެ. މި މަހުގެ ހަވަނަ ދުވަހު ޑަބްލިއުޓީއައި އިން ވަނީ ތެޔޮ ފީފާއެއް 80 ޑޮލަރަށް ވިއްކާފަ އެވެ. މީގެ އެއް އަހަރު ކުރިން ތެޔޮ ފީފާއެއްގެ އަގު އުޅުނީ 100 ޑޮލަރަށް ވުރެ މަތީގަ އެވެ.
ތެލުގެ އަގު ކަނޑައަޅާ ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގައި ތެޔޮ ފީފާއެއްގެ އަގު 72.60 ޑޮލަރަށް އިއްޔެ ދަށްވެފައިވެ އެވެ.
އެމެރިކާގައި މި ހަފުތާގައި ތެލުގެ އަގު ދަށަށް ގޮސްފައި މިވަނީ އެމެރިކާގައި ތެޔޮ ރައްކާކޮށްފައިވާ ގޮތުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް އާއްމުކޮށްފައި ވަނިކޮށެވެ.
ކެޕިޓަލް އިކޮނޮމިކްސްގެ ޗީފް ކޮމޮޑިޓީސް އިކޮނޮމިސްޓް ކެރޮލީން ބެއިން ބުދަ ދުވަހު ކްލައިންޓުންނަށް ފޮނުއްވި ނޯޓެއްގައި ވިދާޅުވެފައިވަނީ "ޑޮމެސްޓިކް ޑިމާންޑް ދަށަށް ގޮސްފައިވާ" ދަނޑިވަޅެއްގައި އިންވެންޓްރީތައް ހަރުދަނާވަމުން އަންނަ ކަމަށެވެ.
އެމެރިކަން ޕެޓްރޯލިއަމް އިންސްޓިޓިއުޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހު އިންވެންޓްރީތައް ޖެހިޖެހިގެން 10 ހަފުތާގައި އިތުރުވެފައިވެ އެވެ. އަދި އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ބުދަ ދުވަހު ނެރުނު ހަފުތާގެ ޕެޓްރޯލިއަމް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ތެލުގެ އިންވެންޓްރީތައް ވަނީ ފަސް އަހަރުގެ އެވްރެޖަށް ވުރެ ހަތް ޕަސެންޓް އިތުރުވެފަ އެވެ.
އެންމެ ފަހުން ތެޔޮ ދަށަށް ދިޔައީ ވެސް 2020 ވަނަ އަހަރުގެ ބަހާރު މޫސުމުގައި ތެލުގެ ބާޒާރުތަކުން ފެނުނު ކަންބޮޑުވުމުގެ އަޑުތަކާއެކު އެވެ.
ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާ ގުޅިގެން މިއަހަރު ޗައިނާގެ ތެލުގެ ޑިމާންޑް ކުރިއަރާނެ ކަމަށް އަންދާޒާ ކުރި މިންވަރު އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކު)ން ވަނީ އިތުރުކޮށްފަ އެވެ.
އޯޕެކުން ކޮންމެ މަހަކު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ 2023 ވަނަ އަހަރު ދުނިޔޭގެ ތެލުގެ ޑިމާންޑް ދުވާލަކު 2.32 މިލިއަން ފީފާ (ބީޕީޑީ) ނުވަތަ 2.3 އިންސައްތަ އިތުރުވާނެ ކަމަށެވެ. މިއީ މިދިޔަ މަހު އަންދާޒާކުރި މިންވަރަށް ވުރެ އިތުރު އަދަދެއް ނޫނެވެ.