ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ރީތީގެ މުބާރާތް، "75 ވަނަ މިސް ޔުނިވާސް 2026" ގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު މިފަހަރު ލިބިފައިވަނީ އުންމީދީ މޮޑެލް އާމިނަތު ޔުއިން މުހައްމަދު އަށެވެ.

މިސް ޔުނިވާސްގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުން މިކަން ހާމަ ކުރުމާއެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ ޔުއިން އަށާއި އޭނާގެ މި ތާރީހީ ދަތުރަށް ހުއްޓިފަ އެވެ.

ޕުއެރްތޮ ރީކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މުބާރާތަކީ، ކުރިން ރާއްޖެއިން ބައިވެރިވި ބައިވެރިވުމަށްފަހު، ރާއްޖޭގެ ނަން އަލުން ބައިނަލްއަގްވާމީ މި ބޮޑު ސްޓޭޖަށް އެނބުރި އަންނަ ފަހަރެވެ.

އުމުރުން 22 އަހަރުގެ ޔުއިން އަކީ މާލެއަށް އުފަން، ފެޝަން އަދި މޮޑެލިންގް ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާނެކެވެ. މިސް ޔުނިވާސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ޔުއިންގެ ތަފްސީލުތައް ހިއްސާ ކުރުމާއެކު، އޭނާގެ ރީތިކަމާއި، ސްޓައިލް އަދި ގައުމު ތަމްސީލު ކުރުމަށް ހުރި ޝައުގުވެރިކަން ވަނީ ފާހަގަ ވެގެން ގޮސްފަ އެވެ.

https://www.instagram.com/p/DZ8d4C7RHzj/?igsh=MWdyc3JtMzJ1NnE4aQ==

މިފަދަ މުބާރާތްތަކަކީ ހަމައެކަނި ބޭރުފުށުގެ ރީތިކަމަށްވުރެ ބޮޑަށް، ބައިވެރިންގެ ގާބިލުކަމާއި، މުޖުތަމައަށް ފައިދާހުރި މަސައްކަތްތަކަށް ބަލާ މުބާރާތަކަށް ވުމުން، ޔުއިންގެ މި ފިޔަވަޅަކީ ދިވެހި ޒުވާނުންނަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.

މިސް ޔުނިވާސް މުބާރާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން ބެލުންތެރިން ބަލާ މުބާރާތަކަށް ވާއިރު، ޔުއިންގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ ސަގާފަތާއި، އާދަކާދަ އަދި ދިވެހި އަންހެނުންގެ ހުނަރުވެރިކަން ދުނިޔޭގެ ކުރިމައްޗަށް ނެރެދިނުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެ އެވެ.

ހާއްސަކޮށް "ނޭޝަނަލް ކޮސްޓިއުމް" ބުރުގައި ރާއްޖޭގެ ރީތިކަން ސިފަ ކޮށްދޭނެ ގޮތަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ރާއްޖޭގައި މިފަދަ މުބާރާތްތަކަށް ސަރުކާރުގެ ރަސްމީ ތާއީދެއް ނުލިބުނު ނަމަވެސް، އަމިއްލަ ހުނަރާއި މެނޭޖްމަންޓްތަކުގެ އެހީގައި ދިވެހި ޒުވާނުން ބައިނަލްއަގްވާމީ މައިދާންތަކުގައި ފައިތިލަ ސާބިތު ކުރުމަކީ ހުއްޓުވޭނެ ކަމެއް ނޫންކަން އަދުގެ ޒުވާނުން އަންނަނީ ސާބިތު ކޮށްދެމުންނެވެ.

އަންނަ ނޮވެމްބަރު މަހު ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ޔުއިންގެ ފަރާތުން ފެންނާނެ ހުނަރުތަކަށް ދިވެހި ސަޕޯޓަރުންނާއި ބައިނަލްއަގްވާމީ ފޭނުން ތިބީ ފާރަވެރިއެވެ.