މަރަކީ އެންމެ ގާތުގައިވާ އެހެނަސް އެންމެ ދުރު އެކުވެރިޔާ ކަމުގައި މީހުން ބުނެ އުޅެ އެވެ. މަރުގެ ވަގުތެއް ނޭނގުމަކީ އެކަމަށް ތައްޔާރުވާން އަހަރުމެންނަށް ދަތިކުރުވާ އެއް ކަމެވެ.

އަހަރުމެންގެ އިސްލާމް ދީނުގައި މަރުގެ ވާހަކަ އެކި ގޮތްގޮތުން އައިސްފައިވާއިރު މަރު ގާތްވުމުގެ އަލާމާތްތަކުގެ ގޮތުގައި ވެސް ބައެއް ކަންކަން ގުރުއާނާއި ސުންނަތުން ވާރިދުވެފައިވެ އެވެ.

އެހެން ނަމަވެސް މިފަހަރު މިއޮތީ މުޅިން ތަފާތު ވާހަކަ އެވެ. މިފަހުން ކުރެވުނު ދިރާސާއެއްގައި މަރު ގާތްވެއްޖެކަން އަންގައިދޭ އަލާމާތެއް ސައިންސްގެ އަލީގައި ސައިންސްވެރިން މިވަނީ ހޯދާފަ އެވެ.

އެގޮތުން ވަސް ދުވުމުގެ ހިއްސު ބަލިކަށިވެ އެ ހިއްސުގެ ބާރު ދެރަވުމަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަރުވުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ނޭފަތަކީ އިންސާނާގެ އެންމެ ނާޒުކު ގުނަވަން ތަކުގެ ތެރެއިން އެއް ގުނަވަން ކަމަށާއި އޭނާގެ ހަށިގަނޑަށް އަންނަ ކޮންމެ ބަދަލެއް ނޭފަތާއި އެ ގުނަވަނާ ގުޅިފައިވާ ހިއްސުން ބުނެދޭނެ ކަމަށް ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

3000 އަށްވުރެ ގިނަ މީހުން ބައިވެރި ކޮށްގެން ކުރި އެ ދިރާސާގެ ބައިވެރިންގެ ތެރެއިން ވަސް ދުވުމުގެ ހިއްސަށް ބަދަލު އައި ކަމަށް ބުނި 13 ޕަސެންޓް މީހުން އެހެން ބުނިތާ ފަސް އަހަރު ތެރޭގައި މަރުވެފައިވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ސައިންސްގެ އަލީގައި ސައިންސްވެރިން ކޮންމެ ނިންމުމެއް ނިންމިޔަސް މަރަކީ އޭގެ ވަގުތު ނޭނގޭ އެއްޗެއްކަން އަހަރުމެން މުސްލިމުން ގަބޫލު ކުރަން ޖެހެ އެވެ. އަހަރުމެންނަށް އޮތީ ހެޔޮ އަމަލުތައް ކޮށް މަރަށް ތައްޔާރު ވުމެވެ.