ޕީޕީއެމްގެ ނައިބުރައީސް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމު ރޭ ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ ޚިލާފަށްކަމަށް މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ގަވާއިދު ފާހަގަކުރައްވާފަ އެވެ.

އީވާ ވިދާޅުވީ ރޭގެ ވަގުތެއްގައި ޝިޔާމު ހައްޔަރުކޮށްފައިވާ ކަމަށާއި މިކަމުގައި ފުލުހުން އަމަލުކޮށްފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ ތަހުގީގު ކުރިއަށް ނުގެންދެވޭ ހާލަތުގައި މެންބަރަކު ބަންދުކުރަންޖެހިއްޖެނަމަ ބަންދުކުރެވޭތާ ގިނަވެގެން ގަޑިއިރެއްގެ ތެރޭގައި މަޖިލީހހުގެ ރައީސަށް ނުވަތަ މަޖިލީހުގެ އަމީން އާންމަށް އެކަން އަންގަންވާނެ ކަމަށެވެ.

"ނައިފަރު ދާއިރާގެ މެމްބަރު ހައްޔަރުކުރުމަށްފަހު އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ހަތަރު ގަޑިއިރެއްހާއިރު ތެރޭގައި އޭ ދޫކޮށްލީ، އެހެންނަމަވެސް މަޖިލީހަކަށް އަންގާފައި އެއް ނެތް،" އީވާ ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމު ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅުއްވުމުގެ ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހުންނެވި ކަމުގެ ތުހުމަތުގަ އެވެ.