ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތައް ބަލައި ނުގަތް މައްސަލަ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ޝަރީއަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އޭގެ އިތުރުން ވ. އާރަށުގެ މައްސަލައިގައި 52 މިލިއަން ރުފިޔާ ދައުލަތައް ދައްކަން ހުކުމުގެ މާފަހުން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ޔާމީން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ވެސް ފެށުމަށް ހައިކޯޓުން މިހާރު ވަނީ ތައްޔާރުވެފަ އެވެ.

ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބަލައި ނުގަތް މައްސަލަ ހައިކޯޓުން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:15 އަށެވެ. އަދި އާރަށުގެ މައްސަލައިގައި ދައުލަތައް ފައިސާ ދައްކަން ނެރުނު އަމުރުގެ މައްސަލަ ތާވަލް ކޮށްފައި ވަނީ ބުދަ ދުވަހު ހެނދުނު 10:15 އަށެވެ.

ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބަލައި ނުގަތުމުން އެމައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިތާ މިހާރު ހައެއްކަ މަސް ވެއްޖެ އެވެ. ނަމަވެސް މިހާތަނަށް އެމައްސަލައިގެ އެއްވެސް އަޑުއެހުމެއް ހައިކޯޓުގައި ބާއްވާފައެއް ނުވެ އެވެ.

އާރަށުގެ މައްސަލައިގައި ދައުލަތައް ފައިސާ ދައްކަން ނެރުނު އަމުރުގެ މައްސަލައިގެ ޝަރީއަތް ފަށަން ތާވަލް ކުރި ނަމަވެސް އަދިވެސް އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފައެއް ނުވެ އެވެ. އެ މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅުމުން މައްސަލައާ މެދު ނިންމި ގޮތެއް އަދިވެސް އެކޯޓުން އަންގާފައެއް ނުވެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލަތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި އިސްތިއުނާފް އިސްލާހުކުރަން ހައި ކޯޓުން ކުރިން އެންގުމުން އިސްލާހް ކުރުމަށްފަހު އަލުން ހުށަހެޅީ މިމަހުގެ 16 ވަނަ ދުވަހު އެވެ.