އުންމީދަކީ ޗައިނާ އިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާ ކުރުމުގައި ލުއި ގޮތް ހޯދައިދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި މަޖިލިސް ރައީސް ވިދާޅުވީ އިގްތިސޯދު ރަނގަޅަށް އޮންނައިރު ވެސް ރަނގަޅަށް ދަރަނި އަދާނުކުރެވޭ ކަމަށެވެ. އެހެންކަމުން ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ދަށަށް ގޮސްފައިވާ މިދަނޑިވަޅުގައި ދަރަނި އަދާނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޗައިނާ އިން ނަގާފައިވާ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި މީގެކުރިން އެމަނިކުފާނު ސިފަ ކުރައްވާފައިވެއެވެ. އަދި ލޯނުތަކާ ގުޅޭގޮތުން އެކި ފަހަރު އެކި ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދު އެ ގައުމަށް ދެއްވާފައިވެއެވެ.

ނަމަވެސް އެމަނިކުފާނު ދެއްކެވި ހުރިހާ ވާހަކަތަކެއް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލީ ޖޮންގް ވަނީ ދޮގު ކުރައްވާފަ އެވެ.

ރިސޯޓުތަކުގެ އޮކިއުޕެންސީއާއި މަސް ވިއްކޭ އަދަދު މައްޗަށް ދިޔަޔަސް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ގިނަ އަދަދަކަށް ލޯނު ނަގާފައިވާތީ އަނެއްކާވެސް އެމަނިކުފާނު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިރޭ މިނިމޭ 2020 ވަނަ އަހަރަކީ ކޮވިޑް-19އާ ހެދި ވަރަށް ތަފާތު، ގިނަ މީހުން ހަނދާނުން ފޮހެލަން ބޭނުންވާ ފަދަ އަަހަރެއް ކަމަށެވެ. ނަމަވެސް 2021 ބައްދަލު ކުރަނީ އުންމީދުތަކާއެކު ކަމަށާއި ވެކްސިން ލިބި ކޮވިޑް-19އިން އެއްކޮށް ސަލާމަތްވާނެކަމުގެ އުންމީދު އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވެކްސިން ލިބުނުހާ އަވަހަށް އެންމެންވެސް އަވަހަށް ވެކްސިން ޖެހުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

އަންނަ އަހަރަކީވެސް ރާއްޖެއާއި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަމާން އަހަރަށް ވާނެ ކަމަށާއި ބައިނަލްއަގުވާމީ ބައިވެރިންނާއި، އަވަށްޓެރި ގައުމުތަކާއި ޒަމާންވީ ރަހުމަތްތެރިންނާއެކު ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނެ އަހަރަކަށް ވާނެ ކަމަށް އިންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.