އިންޑިއާ އިން ރާއްޖެއަށް ބީސީޖީ ވެކްސިން ދިނީ އަލުން އަނބުރާ ދޭ ގޮތަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ މިކަމާ ގުޅޭގޮތުން މިރޭ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުގެ އެދުމަކަށް، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީސީޖީ ވެކްސިންގެ 10 ޑޯޒް ހިމެނޭ 2400 ވައިލްސް އިންޑިއާއިން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނިގޮތުގައި ވެކްސިންގެ މި ޝިޕްމަންޓް މިއަދު ވަނީ ރާއްޖެ ގެނެވިފައެވެ.

ފޮރިން މިނިސްޓްރީން އުޅެނީ އެއީ އިންޑިއާ އިން ރާއްޖެއަށްވި ބޮޑު އެހީއެއްކަން ދެއްކުމަށް ކަމަށް ބުނެ، ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އެ މިނިސްޓްރީއަށް އަމާޒުވެފަ އެވެ.

އެ މިނިސްޓްރީން ބުނީ ވައިގެ މަގުން އިންޑިއާގެ މުމްބާއީއިން ކުއްލި ގޮތަކަށް މި ވެކްސިން ޝިޕްމަންޓް ގެނެވިފައިވަނީ އިންޑިއާ ސަރުކާރުގެ އިދާރާތަކާއި، މިނިސްޓްރީ އޮފް ހެލްތު، ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އަދި އިންޑިއާގެ މުމްބާއީގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށެވެ.