ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދަން ހުށަހެޅި އަގުތައް ބޮޑުވުމުން ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ކެންސަލްކޮށް، އަލުން ޕްރޮޕޯސަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ވަނީ ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމަށް މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ހުޅުވާލާފަ އެވެ. އެ ފުރުސަތުގައި 11 ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަލުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލީ، ކުންފުނިތަކުން ހުށައަޅާފައިވާ ބިޑުތަކުގައި ހައްޖުގެ އަޅުކަމުގެ ހިދުމަތަށް އެކަށީގެން ނުވާ އަގުތަކެއް ހުށައަޅާފައިވުމުގެ އިތުރުން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލާއި މައުލޫމާތު ކަރުދާހުގައި އަދި ހައްޖު ޕްރޮޕޯސަލް ފޮތް ހުށައަޅާއިރު ފުރިހަމަކުރަންޖެހޭނެ ކަމަށް ބުނެފައިވާ އަސާސީ ކަންކަން ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިޔުމުގެ ފުރުސަތު ނެތުމުން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އަލުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފައި ވަނީ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން އަލުން ބިޑު ހުށައެޅޭނީ 75،000 ރުފިޔާއާއި 95،000 އާ ދެމެދުގެ އަގެއްކަމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އަލަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތާއި ގުޅިގެން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން މާދަމާ ހެނދުނު 10 ޖަހާއިރު މިނިސްޓްރީގެ މީޓިން ރޫމްގަ އެވެ. އަލުން ބިޑު ހުށައެޅުމުގެ ސުންގަޑިއަކީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ސައުދީ ސަރުކަރުން ވަނީ 1000 ކޯޓާ ދީފަ އެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި ކޯޓާ ދިނުމަށް ހަމަޖެހިފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި ބިޑު ކާމިޔާބުކުރާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ރާއްޖެއަށް ސައުދީ ސަރުކާރުން ދެމުން އަންނަ ރަސްމީ ކޯޓާ އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.