އެމެރިކާގެ އަސްކަރިއްޔާގެ ހަތިޔާރާއި އުންޑައިގެ ރިޒާވް މަދުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްކޮށް ދޮގުކުރައްވައި، އެމެރިކާގެ އަސްކަރީ ބާރު ދެއްކެވުމުގެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ހަމަލާތަކުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކުރައްވައިފި އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެމެރިކާގެ އަސްކަރީ ވަސީލަތްތައް ހުސްވަމުންދާ ކަމަށް ބުނެ ސިޔާސީ ވާދަވެރިންނާއި އަސްކަރީ ދިރާސާކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރީ ގާބިލުކަން އޮތީ ތާރީހުގައި ވެސް އެންމެ ވަރުގަދަ ފެންވަރުގައި ކަމަށެވެ. އަދި އެމެރިކާގެ އަތުގައި ބޭނުންވަރަކަށް ހަތިޔާރާއި އުންޑަ އެބަހުރި ކަމަށާއި، ހުސްވުމުގެ އެއްވެސް ބިރެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މި ހަބަރާއެކު ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރީ ހަމަލާތަކާއި ބާރު ދައްކުވައިދޭ އެއައި އިން އުފައްދާފައިވާ ފޮޓޯތަކެއް އެމަނިކުފާނުގެ ސޯޝަލް މީޑިއާ މަންސަ "ޓްރޫތު ސޯޝަލް" ގައި ހިއްސާކުރައްވާފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ ވަރުގަދަ ބޮންތަކެއް ގޮއްވާލައި، ދުޝްމަނުންގެ އަމާޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ މަންޒަރެވެ. ނަމަވެސް ހަގީގީ މައިދާނުގެ ފޮޓޯތަކުގެ ބަދަލުގައި އޭއައި ފޮޓޯތަކެއް ބޭނުންކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޓްރަމްޕަށް އަމާޒުވެފަ އެވެ.

ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ހަގީގީ ހާލަތު އޮޅުވާލައި، އާންމުންގެ ސަމާލުކަން ހޯދުމަށް އޭއައި ފޮޓޯ ބޭނުންކުރުމަކީ އަސްކަރީ ހަގީގަތްތައް އޮޅުންބޮޅުންކޮށްދޭ ކަމެކެވެ.

އެހެންނަމަވެސް ޓްރަމްޕްގެ ސަޕޯޓަރުން ބުނަމުން ދަނީ އެއީ އެމެރިކާގެ އަސްކަރީ ބާރުގެ ތަސައްވުރު ސާފުކޮށްދިނުމަށް ބޭނުންކުރި އިޝްތިހާރީ ވަސީލަތެއް ކަމަށެވެ.