ފުރަން ދިޔަ ގިނަ އަދަަދެއްގެ ދިވެހިން ތަކެއް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިހުމާލުން މިއަދު ނުފުރި ތާށިވެއްޖެ އެވެ.

މި މައްސަލަ ކުރިމަތިވީ މެލޭޝިއާއަށް ޓޫރިސްޓު ވިސާ ނުވަތަ ސޯޝަލް ވިޒިޓް ޕާސްގައި ގޮސް ތިބި މީހުންނަށެވެ. އަދި މިހެން ދިމާވީ ކޮވިޑް-19އާ ގުޅިގެން އެ ގައުމުގައި ތާށިވެ، ވިސާގެ މުއްދަތު ފަހަނަ އެޅިއިރު ވެސް މެލޭޝިއާގައި ތިބި މީހުން ރާއްޖެއަށް އައުމަށް ޚާއްސަ ޕާސްއެއް ބޭނުން ނުވާނެ ކަމަށް އެ ގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުނުމާ ގުޅިގެންނެވެ.

ހައިކޮމިޝަނުން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައި ވަނީ މެލޭޝިއާގައި ތިބި އެފަދަ މީހުންނަށް ޚާއްސަ ޕާސްއެއް ނެތި ޖަނަވަރީ 14 ވަނަ ދުވަހުގެ ކުރިން ފުރައިގެން ދެވޭނެ ކަމަށެވެ.

މި މައުލޫމާތާ ގުޅިގެން ގިނަ ބަޔަކު އެ މީހުން ދިރިއުޅޭ ތަންތަން ދޫކޮށްލައި އެއާޕޯޓަށް ފުރަން ދިޔަ އެވެ. ނަމަވެސް ފުރަން އެއާޕޯޓަށް ދިއުމުން ޚާއްސަ ޕާސްއެއް ނެތި ނުފުރޭނެ ކަމަށް އެމީހުންނަށް އެއާޕޯޓުން ވަނީ އަންގާފަ އެވެ. އަދި އެކަން ހުރިހާ އެމްބަސީތަކަށް އަންގާފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުރަން ދިޔަ ފަރާތްތަކުން އެމްބަސީން ދިން މައުލޫމާތު ހިއްސާކުރުމުން މެލޭޝިއާގެ އިމިގްރޭޝަނުން ބުނެފައިވަނީ ފުރުމުގެ ގަވައިދު ހަމަޖެހިފައިވާ ގޮތް ދިވެހިރާއްޖޭގެ އެމްބަސީއަށް ވެސް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެކަމުގައި ކުރެވޭނެ އިތުރުކަމެއް ނޯންނާނެ ކަމަށް ވެސް އެ މީހުން އެންގި އެވެ.

ޚާއްސަ ޕާސްއެއް ނެތި ފުރޭނެ ކަމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ދިވެހިންނަށް އެންގި ނަމަވެސް، ނިއުޒީލެންޑް އެމްބަސީން އާއްމު ކޮށްފައިވާ، ހުރިހާ އެމްބަސީތަކަށް މެލޭޝިއާ ސަރުކާރުން ފޮނުވި ލިޔުމުގައި ވަނީ 1 ޖަނަވަރީން ފެށިގެން 14 ޖަނަވަރީއާ ދެމެދުގައި ސޯޝަލް ވިޒިޓް ޕާސްގައި އެ ގައުމަށް ގޮސްތިބި މީހުން ގައުމުން ބޭރުވުމަށް މެލޭޝިޔާގެ އިމިގްރޭޝަނުން ޚާއްސަ ޕާސްއެއް ހޯދަން ޖެހޭނެ ކަމަށެވެ.

ގިނަ ބަޔަކު މިއަދު އެއާޕޯޓަށް ފުރަން ދިޔަފަހުން ދިމާވި ކަންތައްތަކާ ގުޅިގެން ފަހުން ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނުގައި ވަނީ ކުރިން ނެރުނު އިއުލާނަކީ އެ ވަގުތާ ހަމައަށް އެ ކޮމިޝަނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނެރުނު އިއުލާނެއް ކަމަށެވެ. އަދި މިއަދު އެއާޕޯޓުގައި ކަން ހިނގި ގޮތަށް ބަލާއިރު ޚާއްސަ ޕާސްއެއް ބޭނުންވާކަން އެނގިފައިވާ ކަމަށާއި، އެހެންކަމުން އެ ވިސާ ހޯދުމަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން، ފުރަން ދިޔަ މީހުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އަދި ހައިކޮމިޝަނުން "މިހާ ދުވަސްވަންދެން މެލޭޝިއާގައި ނުފުރާތިބީ ކީއްވެތޯ" ސުވާލު ކޮށްފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.

މެލޭޝިއާގައި ތިބި ދިވެހިންގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި ގިނަ މީހުން ގޮސް ތިބީ ސްރީލަންކަން އެއާލައިންސް އިން ދެކޮޅު ޓިކެޓް ނަގައިގެންނެވެ. އެހެންކަމުން އިތުރު އެއާލައިންއަކުން ޓިކެޓް ނަގައިގެން ދުބާއީ މަގުން އާއިލާތައް ދަތުރު ކުރުމަކީ އަނެއްކާ ވެސް ވަރަށް ބޮޑު ޚަރަދެއް ކަމަށް އެ މީހުން ބުނެ އެވެ.

"އިތުރަށް ޓިކެޓް ނަގަންޏާ 500 ޑޮލަރު އެބައަރާ ވަންވޭއަށް ބޮލަކަށް،" މެލޭޝިއާގައި ހުރި މީހަކު މީހަކު ބުންޏެވެ.

މިދިޔަ އަހަރު ޖޫން މަހު މެލޭޝިއާ އިން ފުރަން ގޮސްތިބި ދިވެހިންތަކެއް އެއާޕޯޓުގައި. ފޮޓޯ: މެލޭ ހައިކޮމް

މިއަދު މިދިމާވި ކަންތަކާ ގުޅިގެން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މެލޭޝިއާ ހައިކޮމިޝަނަކީ ސިޔާސީ މުވައްޒަފުން އެންމެ ގިނަ އެއް ހައިކޮމިޝަނެވެ.

މިއަހަރުގެ ބަޖެޓުން ވެސް ރާއްޖެއިން ބޭރު ގައުމުތަކުގައި ހުންނަ ދިވެހި ހައިކޮމިޝަންތަކާއި މިޝަންތަކާއި ކޮންސިއުލޭޓުތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ހަމަޖައްސާފައިވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށެވެ.

ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން އެ ހައިކޮމިޝަނަށް 32،811،687 ރުފިޔާ ގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ. ޖުމްލަ 17 ސިޔާސީ މުވައްޒަފުން ހައިކޮމިޝަންގައި ތިބެ އެވެ.