ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހު ރުކް ހާން އާއި ގޯރީ ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން މޭބެލީންގެ ބްރޭޑް އެމްބެސެޑަރަކަށް ހަމަޖެއްސުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އުމުރުން 22 އަހަރުގެ ސުހާނާ އެމްބެސެޑަރަކަށް ހަމަޖައްސާފައިވަނީ އެމެރިކާގެ މަޝްހޫރު ބިއުޓީ ބްރޭންޑެއް ކަމަށް މޭބެލީންގެ އެމްބެސެޑަރަކަށެވެ. މިކަމާއި ބެހޭ ގޮތުން ސުހާނާ ބުނީ މި ފުރުސަތު ލިބިގެންދިޔައީ މޭބެލީންގެ އުފެއްދުންތައް އަބަދު ގެންގުޅެ ބޭނުންކުރާ މީހެއްގެ ހައިސިއްޔަތުން ކަމަށެވެ.

ބްރޭޑެއްގެ އެމްބެސެޑަރު ކަން ލިބުމާއި ގުޅިގެން ޝާހުރުކް ހާން ވަނީ އޭނާގެ ދަރިފުޅަށް ލިބުނު ކާމިޔާބީ އަށް ތައުރީފް ކޮށްފައި އެވެ.

ސުހާނާ މޭބެލީންގެ އެމްބެސެޑަރަކަށް ހަމަޖެއްސި ހަބަރާ އެކު ބައެއް މީހުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. އެ މީހުން ބުނިގޮތުގައި އޭނާއަށް މިފަދަ ފުރުސަތެއް ލިބުނީ މަޝްހޫރު ތަރިއެއްގެ ދަރިޔަކަށްވާތީ ކަމަށެވެ.

ސުހާނާ 2021 ގައި އެނބުރި އިންޑިއާއަށް ދިޔައީ 2019 އިން ފެށިގެން ނިއު ޔޯކް ޔުނިވާސިޓީގެ ޓިޝް ސްކޫލް އޮފް ދި އާޓްސްގައި ކިޔަވަން އުޅެފަ އެވެ. އޭގެ ކުރިން އޭނާ އިނގިރޭސިވިލާތުގެ އާޑިންގްލީ ކޮލެޖުގައި ވެސް ކިޔެވި އެވެ.

ސުހާނާއަށް މި މަޤާމް ލިބިފައިވަނީ އޭނާ އަލަށް ކުޅެފައިވާ ޑައިރެކްޓަރ ޒޯޔާ އަޚްތަރްގެ "ދި އާޗީސް" ފިލްމު ނެރުމުގެ ކުރިންނެވެ. މި ފިލްމުގައި އޭނާއާއި އެކީ މަޝްހޫރު ބަތަލު އަމީތާބް ބައްޗަންއާއި ޖަޔާ ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތްޔާ ނަންދާގެ އިތުރުން ބަތަލާ ސްރީ ދޭވީއާއި ޕްރޮޑިއުސަރ ބޮނީ ކަޕޫރްގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރްވެސް ބޮލީވުޑަށް މުޅިން އަލަށް ތަޢާރަފްވެގެންދާނެ އެވެ.

ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ކުރީގެ މަޤްބޫލު ކޮމިކް "އާޗީ" ގެ މައްޗަށް ހަދާފައިވާ ލައިވް އެކްޝަން ފިލްމެކެވެ. އެހެން ނަމަވެސް، މި ފިލްމު ރިލީޒްވާ ތާރީހެއް އަދި އިއުލާންކުރެވިފައި ނުވެއެވެ.