ސަލްމާން ހާންގެ އާ ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" ފިތުރު އީދުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު އޭނާއަށް އަނެއްކާވެސް މަރުގެ އިންޒާރެއް ދީފި އެވެ.

ނިއުސް 18 ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާން ޚާނަށް އަނެއްކާވެސް މަރުގެ އިންޒާރު މިފަހަރު އަނެއްކާވެސް ދީފައިވާނީ މީގެ ކުރިންވެސް ސަލްމާނަށް މަރުގެ އިންޒާރުދިން ބިޝޯނީ ކިޔާ ގޭންގަކުންނެވެ.

މީގެ ދެތިން ދުވަސް ކުރިން ސަލްމާނަށް މަރުގެއިންޒާރެއް ވަނީ ލިބިފަ އެވެ. އެފަހަރު އޭނާއަށް މަރުގެ އިންޒާރުދީފައިވަނީ ރާޖަސްތާނަށް ނިސްބަތްވާ 16 އަހަރުގެ ކުއްޖެއްގެ ފަރާތުންނެވެ. އެމައްސަލާގައި މިހާރު ވަނީ އެކުއްޖާ ހައްޔަރުވެސް ކޮށްފަ އެވެ.

އެ އިންޒާރު ދީފައި ވަނީ، ސަލްމާންގެ އާ ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" ގެ ޓްރެއިލާ ލޯންޗުކުރި ހަރަކާތަށް، އޭނާގެ ކޯ-ސްޓާރުންނާ އެކު ދިޔަ ދުވަހު އެވެ.

މީގެ ކުރިން ވެސް، އެތައް ފަހަރެއްގެ މަތިން ސަލްމާނަށް ވަނީ މަރުގެ އިންޒާރުތައް ދީފަ އެވެ.

ސަލްމާންގެ އާ ފިލްމު ފިތުރު އީދުގައި ނެރުމަށް ނިންމާފައިވާއިރު މިފިލްމުގެ ފުރަތަމަ ސޯތަކުގެ ޓިކެޓް ވަނީ ވިކި ހުސްވެފަ އެވެ. މިފިލްމުގެ ޓްރެއިލާ ރިލީޒްކުރުމުގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ.