ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އިބްރާހީމް ޝާޒު ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށްޓެވުމުގެ ކުރިން މަޖިލީހުގެ އިދާރާގައި ބޭއްވެވި ރަސްމިއްޔާތެއްގައި އިބްރާހީމް ޝާޒަށް މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. މެންބަރުކަމުގެ ހުވާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާޒިރުގަ އެވެ.

މެންބަރުކަމުގެ ހުވާކުރެއްވުމަށްފަހު ޝާޒު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ. ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވަނީ ޝާޒަށާއި، އެމްޑީޕީއަށް މަރުހަބާ ވިދަޅުވެފަ އެވެ.

މިމަހުގެ 15 ވަނަ ދުވަހު ބޭއްވެވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ޝާޒް ކާމިޔާބުކުރެއްވީ، ޕީޕީއެމްގެ ކެނޑިޑޭޓް ހުސައިން ރިޒާ އާދަމާއި އެމްއެންޕީގެ ކެނޑިޑޭޓް އަލީ އާރިފާ ވާދަކުރައްވައިގެން ކުރި ހޯއްދަވައިގެންނެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަވައިފައި ވަނީ އެދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޒާ މިދިޔަ ފެބުރުއަރީމަހު އަވަހާރަވުމާ ގުޅިގެންނެވެ. އަދި މިއީ އެމްޑީޕީން މިގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.