ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޕްލެޓްފޯމެއް ފަރަށް އެރި މައްސަލަ އެފްކޮންސް އިން އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ޖޫރިމަނާ މާފް ނުކުރާނެ ކަމާށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް އެފްކޮން ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ އިރުމަތީ ފަރާތު ފަރަށް އަރާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު އެވެ.
އެ މައްސަލާގައި އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ 69.4 މިލިއަން ރުފިޔާ އިން އެފްކޮންސް ޖޫރިމަނާ ކުރަން ނިންމައިފަ އެވެ. ނަމަވެސް އެ އަދަބު ތަންފީޒު ނުކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކުންފުނިން ވަނީ އެ މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ]މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ސައީދު ސުވާލު ކުރެއްވުމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރި މައްސަލާގައި އެފްކޮން ކުންފުންޏަށް ޖޫރި މަނާ މާފް ކޮށްދިނުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ އެމައްސަލައިގެ ޓެކްނިކަލް ރިވިއުއެއް ހަދަން ލަފާ ދީފައިވާ ކަމަށާ އަދި އެމައްސަލައިގެ ލީގަލް ރިވިއުއެއް ހަދަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޕްލެޓްފޯމު ފަރަށް އަރާފައިވަނީ އޭގެ ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. އަދި ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުން ސެޕްޓެމްބަރު 28 ވަނަ ދުވަހު ޕްލެޓްފޯމު ވަނީ ފަރުން ނަގާފަ އެވެ.
މިހާދިސާގައި ތިން ބިދޭސީންނަށް އަނިޔާވި އެވެ.