ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ކައްދޫގައި މިރޭ ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭ މަރުވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގީ މިރޭ 7:20 ހާއިރު ފޮނަދުއިން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓް ސަރަހައްދު މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.
ފުލުހުން ބުނިގޮތުގައި އެ އެކްސިޑެންޓްގައި މަރުވީ މަގު ހުރަސް ކުރަން އުޅުނު އަންހެން މީހެކެވެ. އެ އަންހެން މީހާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އަދި އޭނާގެ ދެފައި ކަށިމަތިން ވަނީ ބިނދިފަ އެވެ.
ދެން އެ އެކްސިޑެންޓްގައި އަނިޔާވީ އެ އަންހެން މީހާގެ މާމަ ދަރިއަށެވެ. މާމަ ދަރިއަށް ލިބުނު ސީރިއަސް އަނިޔާތަކަށް ގަމު ރީޖިނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.
މީގެއިތުރުން ސައިކަލްގައި ތިބި ދެ މީހުންނަށް ލިބުނު ޒަހަމްތަކަށް ވެސް އަންނަނީ ފަރުވާދެމުންނެވެ.