ދިވެހި ރާއްޖެއަކީ ތާރީޚު އެނގޭ ގޮތުގައި ޒަމާނުއްސުރެ އަމިއްލަ ވެރިކަމެއް ކުރަމުންއައި މިނިވަން ގައުމެއް ކަމަށް ވިޔަސް ރާއްޖޭގެ މިނިވަން ދުވަހެއްގެ ގޮތުގައި ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަތާ 50 އަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ. އެ ދުވަހަކީ ދިވެހި ސަރުކާރާ އިނގިރޭސި ސަރުކާރާ ދެމެދު އެއްބަސްވުމެއް ގާއިމުކުރި ދުވަހެވެ. އިނގިރޭސިންގެ ހިމާޔަތުގައި ރާއްޖެ އޮތް އޮތުން އެ ދުވަހުން ފެށިގެން ރަސްމީ ގޮތުން ނިމުމަކަށް އައި އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހެވެ.
އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންވިކަމަށް ވިޔަސް ރާއްޖެއަކީ އިނގިރޭސިން އަޅުވެތި ކުރި ގައުމެއް ނޫނެވެ. ރާއްޖޭގެ ވެރިކަން އިނގިރޭސިންގެ އަތްދަށަކަށް ނުވެސް ދެ އެވެ. ދިވެހިންނަށް ލިބިފައި އޮތީ ހިމާޔަތުގެ ނަމުގައި ލިބުނު އަޅުވެތިކަމެކެވެ. އެ އަޅުވެތިކަމުގައި އިނގިރޭސި ހިމާޔަތަށް ދިވެހިން ދިޔައީ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ފޮނުވި ސިޓީއެއްގެ ޒަރީއާއިންނެވެ.
ދިވެހި ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރައްވަމުން ގެންދެވީ އައްސުލްތާނު މުހައްމަދު މުއީނުއްދީނުއްސާނީ އިސްކަނދަރެވެ. ބޮޑުވަޒީރަކީ ކަކާގެ އަލްއަމީރު މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނެވެ. ފަނޑިޔާރުކަމުގައި ހުންނެވީ ފަޟީލަތުއް ޝައިޚު މުހައްމަދު ޖަމާލުއްދީނުލް މުލަކީ (ނައިބު ތުއްތު) އެވެ. މި ތިން ޝަހުސިއްޔަތުގެ ލީޑަޝިޕްގެ ދަށުން ވެރިކަން ހިނގަމުން ދިޔައިރު އެ ބޭފުޅުންނާ ޚިޔާލުތަފާތު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ބަޔަކު ގެންދިޔައީ އަތިރީގޭގައި ހަރަކާތްތެރިވަމުންނެވެ. ލީޑަރަކީ ސުމުއްވުލް އަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ.
އިބްރާހިމް ދޮށިމޭނާ ކިލެގެފާނަކީ މުއީނުއްދީނު ރަދުންގެ ފުރަތަމަ ބޮޑުވަޒީރެވެ. އެ ރަދުންނަށް ވެރިކަން ލިބިވަޑައިގެންނެވީ ވެސް ދޮށިމޭނާ ކިލެގެފާނު އިސްވެ ހުންނަވައި ގެންނެވި ބަޣާވާތަކުންނެވެ. އޭރުގެ ރަސްކަލަކީ މަޝްހޫރު ނޫރައްދީން ބަންޑާރައިންނެވެ. ސުމުއްވުލް އަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނު (މިހާރުގެ ސްރީލަންކާގެ ގޯލް) ގާލީން މާލެ ވަޑައިގެން ހުންނެވީ ނޫރައްދީނު ރަދުންގެ ބޮޑުވަޒީރަކަށެވެ. އާއިލީ މައްސަލަތަކެއްގައި އުފެދެމުންދިޔަ ޚިޔާލު ތަފާތުވުންތަކެއްގެ ތެރެއިން ބޮޑު ވަޒީރުކަމުން އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ވަކިކުރެވުނެވެ. ރަސްގެފާނު، އާ ބޮޑުވަޒީރަކަށް ހަމަޖެއްސެވީ އަލް އަމީރު މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނެވެ. އެ ހިސާބުން އަތިރީގޭގައި އިދިކޮޅު ޕާޓީއެއް އުފެދުނީ އެވެ. ލީޑަރަކީ އަލް އަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ.
އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ލީޑަރުކަމުގެ ދަށުން އުފެދުނު އިދިކޮޅު ޕާޓީން މާލޭގެ ބާރުގަދަ ފަރާތްތައް އެމީހުންގެ ކޮޅަށް ގާތްކުރަމުން ގޮސް އެންމެ ފަހުން މުޅި ހަވަރު ވެސް އެ ޕާޓީއަށް ލަންބުވައިލި އެވެ. އެ ހިސާބަށް ކަންތައް ގެންދެވުމަށް ފަހު އިބްރާހިމް ދޮށިމޭނާ ކިލެގެފާނު، ރަސްކަން ބަދަލުކުރުމުގެ ބަޣާވަތަށް ނުކުންނެވި އެވެ.
މަރުހޫމް އަބުދްލް ހަކީމު ހުސެއިން މަނިކު "ބޮޑު ހުޅުގެ ތާރީޚު"ގައި ލިއުއްވާފައިވާ ގޮތުން "އެއް ދުވަހަކު ފެނުނީ އެ ކިލެގެފާނު (އިބްރާހިމް ދޮށިމޭނާ ކިލެގެފާނު) ވަޑައިގެން ބަންޑާރަ ފިހާރައިގައި އިށީނދެ ވަޑައިގަތްތަނެވެ. މިހިނދު އެތަނަށް މީހުން އެއްވަމުން އެއްވަމުން ގޮސް ބޮޑު ސިންގާ ބައިގަނޑަކަށް ވެއްޖެ އެވެ."
"އަބުދުލް ހަކީމް ލިއުއްވާފައިވާ ގޮތުގައި އޭރު އެތަނަށް ހަވަރު ވެސް ވަނީ އެއްވެފަ އެވެ. މި އެއްވުމުގައި ތަފާތު ގޮވާލުންތައް ގޮވާލައި އެންމެ ފަހުން ހަވަރު ނިންމީ ރަދުން ވެރިކަމުން އަޒުލުކުރާށެވެ. އޭގެ ފަހުން މުއީނުއްދީނުއް ތިންވަނައިގެ ނަންފުޅުގައި "މުސްކުޅި ބަންޑާރައިންގެ ދޮށީ މަނިއްޕުޅުގެ އެންމެ ދޮށީ މަނިއްޕުޅު" ރަސްކަމަށް އިސްކޮށްފި އެވެ. އެއާއެކު އަނެއްކާ ވެސް އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް ބޮޑުވަޒީރުކަން ލިބި ވަޑައިގެންފި އެވެ. އެހެން ނަމަވެސް އެ ލިބިވަޑައިގެންނެވި ވަޒީރުކަން މާގިނަ ދުވަހަކު ދެމި އޮންނާނެ ގޮތެއް ނުވި އެވެ. މުއީނުއްދީނު ރަދުން ވެސް ކުރީގެ ރަދުން ފަދައިން އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ބޮޑުވަޒީރުކަމުން ވަކިކުރައްވައި މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނަށް ބޮޑުވަޒީރުކަން ދެއްވައިފި އެވެ. އެ ހިސާބުން އަނެއްކާ ވެސް އަތިރީގޭ ޕާޓީ އިދިކޮޅު ޕާޓީއަކަށްވެ، ރަސްކަމާ ދެކޮޅަށް ނިކުތެވެ. ނަމަވެސް މިފަހަރު މާލޭގެ ބޮޑުންނާއި ހަވަރުގެ އެއްބާރުލުމެއް އެކަމަކަށް ނުލިބުނެވެ.
އަލް އަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއި ރަދުންނާ ދެމެދު ހިނގަމުން ދިޔަ ހަމަނުޖެހުންތަކުގެ އަސްލަކީ އެމަނިކުފާނާއި ހެންވޭރުގޭ އަލް ވަޒީރު ހަސަން ހަކުރާ މަނިކުފާނާ ދެމެދު ހިނގަމުން ދިޔަ ނޭއްގާނިކަމެކެވެ. މަރުހޫމް އަބްދުލް ހަކީމުގެ ބޮޑު ހުޅުގެ ތާރީޚުގައި ލިއުއްވާ ގޮތުގައި އެކަމުގެ ސަބަބަކީ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ އަނބިކަނބަލުން އެ ކިލެފާނުގެ އަރިހުން ގަދަކަމުން ވަރިވެވަޑައިގެން ހަކުރާ މަނިކުފާނާ ކައިވެނި ބައްލަވައިގެންނެވުމެވެ.
މި އަނބިކަނބަލަކީ އެއްގަމުގޭ އަލް އަމީރު ހަސަން ފާލުދޭރި ކިލެގެފާނުގެ ދޮން ދީދީ އެވެ. ހަކުރާ މަނިކުފާނާ ދޮށިމޭނާ ކިލެގެފާނާ ދެމެދު އޮތް އަނބި ވާދައިގެ އަލިފާންގަނޑު އިތުރަށް ގޯސްވާން މެދުވެރިވި ސަބަބަކީ ނޫރައްދީނު ރަސްގެފާނުގެ އެއް އަނބިކަނބަލުންނަކީ ހަކުރާ މަނިކުފާނުގެ ބޭފުޅަކަށްވުމެވެ. އެހެންކަމުން ރަސްގެފާނާއި ހަކުރާ މަނިކުފާނާ އޮތް ގުޅުން ބޮޑުވެ، އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ރަސްގެފާނާ އިދިކޮޅަށް ނިކުންނެވުމެވެ.
ދޮށިމޭނާ ކިލެގެފާނު ދިވެހި ދައުލަތާ ދެކޮޅަށް މާލޭގައި ފެއްޓެވި ހަރަކާތަކީ މަޝްހޫރު ބޮޑު ހުޅުގެ ހަރަކާތެވެ. އެ ހުޅެއްގެ ސަބަބުން މާލޭގެ އާންމުންގެ މުދަލާއި ފުރާނައަށް އެތައް ގެއްލުމެއް ލިބި މާލޭގައި ތިބި އިނގިރޭސި ރައްޔިތުން ކަމަށްވާ ވޯރާ ވިޔަފާރިވެރިންގެ މުދަލަށް ވެސް ނުރައްކާވި އެވެ. އެހިސާބަށް ގޮސްފައި ވަނިކޮށް ރައްޔިތުންގެ ނުހަނު ބުރަ މަސައްކަތުން، ހުޅު ޖެހި މީހުން ހިފައި އެކަން ހިނގި ގޮތް ތަހުގީގުކުރުމަށް ފަހު އެމީހުންނަށް އަދަބު ދެވުނެވެ. ދޮށިމޭނާ ކިލެގެފާނު ދެއަތުގައި ކަސްތޮޅު އަޅުވައި އައްޑު އަތޮޅު ގަމަށް އަރުވާލެވުނެވެ.
އަބްދުލް ހަކީމު ވިދާޅުވާ ގޮތުން މި ޚަބަރު ސިލޯނުގައި ހުންނެވި ދޮށިމޭނާ ކިލެގެފާނުގެ ބޭފުޅެއް ކަމަށްވާ އަންނަބީލު އަހުމަދު ދީދީއަށް ލިބިވަޑައިގަތުމުން އެވާހަކަ އިނގިރޭސި ދައުލަތުގައި ދަންނަވައި، އިނގިރޭސިންގެ އަތްދަށަށް ރާއްޖެ ގެންދާ ގޮތަށް ދޮށިމޭނާ ކިލެގެފާނު މިނިވަން ކުރެއްވުމަށް އެއްބަސްވުމަކަށް އަ އެވެ. މި އެއްބަސްވުންމުގެ ނަތީޖާއެއްގެ ގޮތުން އިނގިރޭސި މަނަވަރެއް ކަމަށްވާ އެޗްއެމްއެސް ބްރިޓަން 1887 ވަނަ އަހަރު ފެބްރުއަރީ 22 ގައި ރާއްޖެ އައިސް އިނގިރޭސިންގެ ހިމާޔަތަށް ދިވެހި ދައުލަތުން އެދޭކަމުގެ ލިޔުމެއް ލިޔެ ދެއްވުމަށް އަމުރުކުރި އެވެ. އެހެން ނަމަވެސް ރަސްގެފާނު މުއީނުއްދީނު ރަދުން އެފަދަ ސިޓީއެއް ލިޔެ ދެއްވާކަށް އެއްބަސްވެވަޑައެއް ނުގެންނެވި އެވެ.
ނަތީޖާއެއްގެ ގޮތުން އެ މަނަވަރު އެނބުރި ސިލޯނަށް ގޮސް ދިވެހި ދައުލަތުން ހިމާޔަތަށް އެދި އިނގިރޭސި ދައުލަތަށް ލިޔަން ޖެހޭ ސިޓީ އަރަބި ބަހުން ލިޔެގެން ގެނެސް ރަދުން ލައްވާ ގަދަކަމުން ސޮއިކުރުވީ ޑިސެމްބަރު 16، 1887 ގަ އެވެ. ސޮއިކުރި ރަސްމިއްޔާތުގައި ނުހުންނަވައި ނިކުމެވަޑައިގަންނަވަމުން ނައިބު ތުއްތު ވިދާޅުވިކަމަށް ވަނީ ތިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވުރެ ކާފަރުންގެ ބަޑިން މަރުވުން ވެސް މާރަނގަޅުވާނެ ކަމަށެވެ.
އިނގިރޭސިން ސިލޯނުގައި ލިޔެގެން ގެނައި ސިޓީގައި ގަދަކަމުން ސޮއިކުރުވުމަށްފަހު ރަސްގެފާނާއި ބޮޑުވަޒީރު ވެރިކަމުން ވަކިކޮށް ނޫރައްދީނު ބަންޑާރައިން ރަސްކަމަށް އިސްކުރެވުނެވެ. އިބްރާހިމް ދޮށިމޭނާ ކިލެގެފާނު މާލެ ގެންނަވައި ބޮޑުވަޒީރުކަން ހަވާލުކުރެވުނެވެ. އެ ހިސާބުން އަނބިކަނބަލުން އަތްޕުޅުން ބީވުމުގެ ހަސަދާގައި އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ފެއްޓެވި ހަނގުރާމަ އެ ކިލެގެފާނަށް ކާމިޔާބުވެޑައިގަތީ އެވެ. ބަދަލުގައި ދިވެހިންގެ މިނިވަންކަން ކަފުންކުރެވުނު ކަމަށް ވިޔަސް އެ ދުވަހުން ފެށިގެން މުހައްމަދު އަމީނުގެ ވެރިކަން ނިމެންދެން ދިވެހި ދައުލަތުގެ އާރާއިބާރު އަތިރީގެއަށް މިލްކުވީ އެވެ. "މާތްވެގެންވާ" އިނގިރޭސިންގެ ހިމާޔަތުގެ ދަށުންނެވެ.