ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދަންދޮރު ނުދަތުމުގެ ލާމަސީލު މިސާލެއް ކަމަށް ވިދާޅުވެ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބާ ގުޅިގެންނެވެ.

ރައީސް ސޯލިހު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ވެސް ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރުކުރާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ މިވާހަކަތަކަށް ރައްދު ދެއްވާ ޑރ. ޖަމީލު ވިދާޅުވީ އެފަދަ މިނިވަން ކަމެއް ފެނިގެން ނުދާ ކަމަށެވެ. އެގޮތުން މިސަރުކާރުން ކުރާ ގިނަ ކަންތައްތައް އޮންނަނީ ސިއްރު ކޮށްފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެންމެ ކުޑަމިނުން އަމީނީ މަގުގެއެއްބަސްވުން ވެސް ސިއްރު. ގާނޫނު އަސާސީގެ 3 ވަނަ މާއްދާގެ ދަށުން މަޖްލިހުގެ ހުއްދަ ހޯދަން ލާޒިމް ކުރާ ސަރަޙައްދު ކަނޑައެޅުމުގެ ސިޓީ ވެސް ސިއްރު،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު މިންވަރު ބަލައި "ރިޕޯޓާސް ވިތައުޓް ބޯޑާސް"އިން ކޮންމެ އަހަރަކު އާންމު ކުރަމުން ދާ "ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ 13 ދަރަޒަ ދަށަށް ވެއްޓިފަ އެވެ.