ހުޅުމާލޭގައި ކޮރެއާގެ ހަންބޯ ކުންފުނިން ހަދަމުން އަންނަ ކޭޕާކް ރެސިޑެންސް އިން އެޕާޓްމަންޓް ދޭނެ ކަމަށް ބުނެ އެ މަޝްރޫއުގެ ރާއްޖޭގެ އެޖެންޓްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އެކި މީހުން އަތުން ފައިސާ ނަގާ މައްސަލާގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް މައްސަލައެއް ފުލުހަށް ހުށަހެޅީ ހަންބޯގެ މައި ހިއްސާދާރު ޝިއުން ޖިންއާ އެވެ.

އެ މައްސަލަ އޭނާ ފުލުހަށް ހުށަހަޅާފައިވަނިކޮށް އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެ މަޝްރޫޢު ހަވާލުކުރި އާބަންކޯއިން ވެސް ވަނީ ފުލުހުގައި އެދިފަ އެވެ.

ތަހުގީގު ކުރިއަށްދާތީ ފުލުހުންގެ އެދުމަށް ކޯޓުން އަމުރު ނެރެ މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ވަނީ ކަށަވަރު ވެފަ އެވެ.

ހަމްބޯޓެކް ކޮރެއާގެ ފަރާތުން ރާއްޖޭގައި މަޝްރޫއު ހިންގުމަށް އުފެއްދި ކުންފުނި، ހަމްބޯ މޯލްޑިވްސްގެ 95 ޕަސެންޓް ހިއްސާ އޮންނަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫ އަތުގަ އެވެ. ބާކީ ފަސް ޕަސެންޓް ހިއްސާ އޮންނަނީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހުގެ އަތުގަ އެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގަ އެވެ.

ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ.

އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުންތަކަށެވެ.

ކޭ- ޕާކް ނިންމައި، ކަސްޓަމަރުންނަށް ތަން ހަވާލުކުރުމަށް މިހާތަނަށް އެކި ފަހަރު އެކި ތާރީހުތައް ދީފައިވެ އެވެ.