މުޅި ފޯޅަވަހީގެ ސިޔާދަތަށް ދިވެހީން ދައުވާކުރަންޖެހޭ ކަމަށާއި އެސަރަހައްދު އެންމެ ހައްގުކަން ބޮޑީ ދިވެހިންނަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ބަލައިގަނެ، މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ވަނީ މިދިޔަ މަހު 28 ގައި ބަހާފަ އެވެ. މިކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މިގޮތަށް ބެހުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދުގެ 200 ނޯޓިލަކަލް މޭލުން 45،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްވަނީ ގެއްލިފަ އެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޯޅަވަހީގެ މައްސަލައިގެ ނިންމުންތައް ނިމުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީގެ ސަބަބުން ކަމަށެވެ. އަދި އެ ސިޓީ ފޮނުވޭނެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މުޅި ފޯޅަވަހީގެ ސިޔާދަތަށް ދިވެހީން ދައުވާކުރަންޖެހޭ ކަމަށާއި ފޯޅަވަހި އެންމެ ހައްޤުކަން ބޮޑީ ދިވެހިންނަށް ކަމަށެވެ.

"އެއީ ޤައުށް ލިބެންޖެހޭ ބޮޑު ސަރަޙައްދެއް، މުއްސަނދިކަމެއް!" ޑރ. ޖަމީލް ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މިފަހުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ، އިޓްލޮސްއިން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާ ކަމަށްބުނެ ގިނަ ފަރާތްތަކަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހެން ނަމަވެސް ސަރުކާރުން ވަނީ އެއީ ރާއްޖެއަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއް ކަމަށް ބުނެފަ އެވެ. އަދި މިނިންމުގެ ސަބަބުން ރާއްޖެއަށް ބައެއް ނުގެއްލޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.