ދުވަހަކު ވެސް ކޮވެއްޔެއް އޮޅުކޮށްގެން ގެންގުޅުނިން ހެއްޔެވެ؟ އުޅުނުކަމަށް ވަންޏާ ހުންނާނީ ކާޅާ ހަނގުރާމަ ކުރެވިފަ އެވެ.

ކާޅަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި އުޅޭ ދޫންޏެއް ކަމަށް ވިޔަސް ކާޅަކީ އޭގެ ތަބީއަތް ހުންނަ ގޮތުން ދޫންޏަކަށް ލިބެން ޖެހޭ ފަދަ ލޯތްބެއް ލިބޭ ދޫންޏަކަށް ނުވެ އެވެ. އެހެނަސް ކާޅުގެ ހާލިން ފީވާ ބިހުން ނުކުންނަ ކޮވެލި އޮޅުކޮށް، އެ ދޫނި ގެންގުޅުމަކީ ދިވެހިން ކުރަމުން އައި ކަމެކެވެ. އާދަޔާ ޚިލާފު ލޯތްބެއް އެ ދޫންޏަށް ލިބެ އެވެ.

ކޮވެއްޔަކީ އިނގިރޭސި ބަހުން "ކޮއެލް" ކިޔާ ކަކޫ އާއިލާގެ ދޫންޏެކެވެ. ރާއްޖޭގެ ދެކުނުގެ ބަހުރުވައިން މިދޫންޏަށް ކިޔަނީ "ދިކޮއި" އެވެ. ކޮވެލީގެ އެކި ބާވަތްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅެ އެވެ. ރާއްޖޭގައި އުޅޭ ކޮވެއްޔަކީ އިންޑިޔަން ސަބް ކޮންޓިނެންޓާއި އޮސްޓްރޭލިޔާ ފަދަ ބައްރުތަކުގައި އުޅޭ ބާވަތެވެ. ކޮވެއްޔަކީ އޭގެ ރީތި އަޑުން ގޮވާ ގޮވުމުގެ ސަބަބުން މަޝްހޫރުކަން ލިބިފައިވާ އޮޅުކޮށްގެން ގެންގުޅެވޭ ދޫންޏެކެވެ.

ކޮވެލީގެ ތަބީއަތް ހުންނަ ގޮތުން އަމިއްލަޔަށް ހާލި ހަދައިގެން ބިސް އަޅައެއް ނޫޅޭނެ އެވެ. ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ކޮވެލިތައް ބިސް އެޅުމަށް ބޭނުން ކުރަނީ ތަފާތު އެކި ދޫނިތަކުގެ ހާއްޔެވެ. އެކަން ބިނާވެފައި އޮންނާނީ އެ ގައުމެއްގައި އުޅޭ ދޫނިތަކާ އެވެ. ރާއްޖޭގައި އެއީ ކާޅެވެ. ކާޅަކީ އެންމެ އާންމުކޮށް ރާއްޖޭގައި އުޅޭ ދޫންޏަށް ވާތީ އެވެ. އަދި ހަމަ އެފަދައިން އާންމުކޮށް ގަސްގަހުގައި ހާލި ހަދައިގެން ބިސްއަޅާ އެހެން ދޫންޏެއް ރާއްޖޭގައި ނުވެސް އުޅޭތީއާއެކު ރާއްޖޭގައި ކޮވެއްޔާ ކާޅު އޮންނަނީ ވަކި ނުވެވޭ ފަދަ ގުޅުމަކުން ގުޅިފަ އެވެ. ކާޅު ނޫޅޭ ރަށެއްގައި ކޮވެއްޔަކަށް އާލާވެ ނޫޅެވޭނެ އެވެ. ރަށަކުން ކާޅު ހުސްވެއްޖެ ނަމަ އެ ރަށަކުން ކޮވެލި ވެސް ހުސްވާނެ އެވެ. މިއީ ރާއްޖޭގައި މިކަން އޮންނަ ގޮތެވެ.

ކޮވެއްޔެއް އޮޅުކުރަން ވެއްޖެނަމަ ހަދަން ޖެހޭގޮތަކީ ކާޅު ހާލީގައި ހުންނަ ޅަ ކޮވެލި ނެގުމެވެ. އެއީ ފުދޭވަރެއްގެ ހުޝިޔާރު މީހުނަށް ކުރެވޭނެ ކަމެކެވެ. ރާއްޖޭގައި ނަމަ އެފަދަ ހާލިތައް ހުންނާނީ ބޮޑެތި ގަސްގަހާއި ރުއް ރުކުގަ އެވެ. އޭގެ ހާއްޔަކާ މީހަކު ގާތްވާނަމަ ކާޅުގެ ބައިގަނޑެއް އައިސް އެ މީހަކު ވަށާލާނެ އެވެ. އޭގެ ތުންގަނޑުންނާއި ފިޔަގަނޑުން އެ މީހަކަށް ހަމަލަ ދޭނެ އެވެ. އެކަމަށް ސަމާލުނުވެ ކޮވެއްޔެއް ނަގަން ކާޅު ހާއްޔަކާ ގާތް ވެއްޖެނަމަ ފަހަރުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ބޮޑު އަނިޔާއެއް ލިބުން އެކަށީގެންވެ އެވެ.

ޅަ ކޮވެއްޔެއް ކާޅުގެ ހާލިން ނެގިއްޖެނަމަ ދެންކުރަންޖެހޭ ކަމަކީ އެއަށް ކާންދީ ބެލެހެއްޓުމެވެ. ކޮވެއްޔަށް މީރު ކާނާ އާއި އެބާވަތުގެ ކާނާ ކާންދޭނެ ގޮތް އެނގޭނަމަ އެ ދޫންޏަށް ކާން ދިނުމަކީ މާއުނދަގޫ ކަމަކަށް ނުވާނެ އެވެ. ކޮވެލި އާންމު ދިރިއުޅުމުގައި ކައި ހަދަނީ ތަފާތު މޭވާތަކާއި ކުދި ސޫފިތަކެވެ. ވަލު ތެރޭގައި ހުންނަ ފީ އަހިވައް ފަދަ މޭވާތަކަކީ ކޮވެއްޔަށް ވަރަށް މީރު އެއްޗެކެވެ. އެފަދަ ބައެއް މޭވާތައް ރީތިކޮށް ޗަސް ކޮށްފައި އަތުން ދިނުމުން ޅަ ކޮވެލި ވަރަށް ލޯބިން ކާނެ އެވެ.

ކާންދިނުން ފިޔަވައިކުރަން ޖެހޭނެ ކަމަކީ ރައްކާތެރި މާހައުލެއްގައި އެ ދޫނި ގެންގުޅުމެވެ. ބުޅަލަށް ހަމަލަނުދެވޭ ފަދަ ތަނެއްގައި ބެހެއްޓުން ކޮންމެހެން ބޭނުމެވެ. ޚާއްސަކޮށް ކާޅަށް އަތުނުޖެހޭ ފަދަ ގޮތަކަށް ގެންގުޅެން ޖެހޭނެ އެވެ. ކިތަންމެ ދަތި އުނދަގޫ ދޭތެރެއަކުން ވެސް ކާޅަށް އެއާ ހަމައަށް ދެވޭނަމަ އެސޮރަށް ކާންދޭނެ އެވެ. ކާޅަށް ކާންދެވޭ ނަމަ ކޮވެލި އޮޅުކުރަން އުނދަގޫ ވާނެ އެވެ.

ޅަ ކޮވެލި ހާލިން ނަގާ ހިސާބުން ފެށިގެން އެ ގެންގުޅޭ މީހާ ވިސްނަންޖެހޭ އެންމެ މުހިންމުކަމަކީ އޭނާ އެހެރީ ކާޅުތަކާއެކު ބޮޑު ހަނގުރާމައެއް އިއުލާންކޮށްގެން ކަމެވެ. މި ހަނގުރާމަ ދެ ހަފުތާއެއްހާ ދުވަހަށް ދެމި އޮންނާނެ އެވެ. މި ދުވަސްކޮޅުގެ ތެރޭގައި ކޮވެލި ގެންގުޅޭ މީހާ ފެންނަ އިރަށް ކާޅުތައް އެ މީހާއަށް ހަމަލަ ދޭނެ އެވެ. ޚާއްސަކޮށް އެކަމަށް ވިސްނައިގެން ނެތް ނަމަ މަގުމަތިން ދަނިކޮށް މަތިން އައިސް ފިޔަގަނޑުން ބޮލުގައި އަޅުވާލައި، އެތިފަހަރުން އެނބުރުން އަރާވަރު ވެސް ކޮށްލާނެ އެވެ. އެހެންކަމުން ކާޅުތައް އެމީހާ ދޫކޮށްލަން ދެން ބޭރަށް ދާއިރު ކާޅު ފައްސާނެ ދަނޑިބުރިއެއް ފަދަ އެއްޗެއް ގެންގުޅެން ޖެހޭނެ އެވެ.

ކޮވެއްޔަކީ ވަރަށް ރީތިކޮށް އޮޅުކޮށްގެން ގެންގުޅެވޭނެ ދޫންޏެކެވެ. އެ ދޫނި ކުޑައިރުއްސުރެ ނިންދަވާ ތަނަކަށް ނިދަން އަންނާނެ އެވެ. ދުރުގައި ހުއްޓަސް ގޮވާލާ އިރަށް އަންނާނެ އެވެ. ކިތަންމެ ދުރު ހިސާބެއްގައި އުދުހި އުޅުމަށް ފަހު ވެސް އެނބުރި އަންނާނެ އެވެ. އެ އުފާ ލިބޭނީ އެ ދޫނި އޮޅުކުރަން އުޅޭ ހިސާބުން ކާޅާއެކު ފެށޭ ހަނގުރާމަ ކާމިޔާބުވުމުންނެވެ.