ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގުޅިފައިވާ ޕާޓީތަކުން ހުށަހަޅައިފި އެވެ.

ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ސަރުކާރާ އިދިކޮޅު ގުޅިފައިވާ ޕާޓީތަކުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުންނާއި އެމްއެންޕީ އާއި ޖުމްހޫރީގެ ޕާޓީ ހިމެނެ އެވެ

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ދެކުނުގެ ކަނޑު ވިއްކާލި މައްސަލައާ ގުޅިގެން އެކަމާ ގުޅުން ހުރި ވަޒީރުން ބޭފުޅުންނާއި އެނޫވެސް ކަމާގުޅުންހުރި ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން ފަށާފައިވާކަމަށެވެ. އެގޮތުން މިއަދު ބަންޑާރަނައިބް ރިފްއަތުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ވަރަށް އަވަހަށް ރައީސް ސޯލާއި ފޮރިން މިނިސްޓަރު ޝާހިދުގެ މައްސަލަ ހުށަހަޅާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކޮންމެ ގައުމުގައި ހުންނާނެ ކުރަން ޖެހޭ ކަންކަމާއި ކޮށްގެން ނުވާނެ ކަންތައްތަކެއް ހުންނާނެކަމަށާއި ކޮންމެ ވެރިކަމެއް އަޔަސް އަދި ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް ގައުމުގައި ކުރެވޭ ކަންތައްތަކާއި ނުކުރެވޭ ކަންތައްތައް ހުންނާނެކަން ވިސްނަން ޖެހޭކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

"ފޯޅަވަހި މައްސަލައިގައި މި ބިން، ކަނޑުގެ ސަރަހައްދު އަނބުރާ ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން، އެއްވެސް ދުލެއް ނުދާނަން، އަޅުގަނޑުމެން ބިރެއް ނުގަނޭ އަޅުގަނޑުމެންނާ މެދު ކޮންމެ ފިޔަވަޅެއް އެޅިޔަސް،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ރާއްޖެއިން ފެންނަނީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ހިތަށް އެރި ގޮތަކަށް ހިތަށް އެރި ކަމެއް ކުރާ މަންޒަރު ކަމަށެވެ. އެގޮތަށް އަމަލުކުރެއްވުމުގައި ބިރުވެތިވާން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބޭނުންވާ އަދަދަށް ވޯޓު ހޯއްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކު އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެ މައްސަލައެއް ފާސްވުމުންނެވެ.