ފުއްގިރި މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމަކީ ޖިނާއީ އިޖުރާއަތުގެ ތެރެއަށް ހުޅުވިގެންދިޔަ މުޅިން އާ ޗެޕްޓަރެއް ކަމަށް ރައީސް ޔާމީންގެ އިސް ވަކީލު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް ވިދާޅުވީ މި ނިންމުމަކީ ލިބުނު ކާމިޔާބެއް ކަމަށާއި އެދުނު މިންވަރަށް ވުރެ ވެސް ބޮޑަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަގުކޮށާދީފައިވާ ކަމަށާއި ދައުލަތުގެ އަތުގައި ހުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ލިޔުމެއް އެއްވެސް އިސްތިސްނާއެއްނެތި ދިނުމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ.
"ލޮގްތަކާއި ތަހްގީގާ ގުޅުންހުރި ހުރިހާ އެއްޗަކާ އޭގެ ރިކޯޑްގައި ހުރި ހުރިހާއެއްޗެއް ދައްކަން ޕްރޮސެކިއުޓާގެ މައްޗަށް އަދި ކޯޓުގެ އަމުރު ލިބޭހެން ދެ މަގެއް މިއޮތީ ކަނޑައަޅުއްވާ ދެއްވާފައި. އެހެންކަމުން މިއީ ޖިނާއީ އިޖުރާއަތުގެ ތެރޭގައި ހުޅުވިގެން ދިޔަ މުޅިން އާ ޗެޕްޓަރެއް". ޑރ. ޖަމީލް ވިދާޅުވި އެވެ.
މިއީ ދިފާއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ރާއްޖޭގައި ހިނގާ މިފަދަ ޖިނާއީ ކޮންމެ މައްސަލައެއްގައި ވެސް ދިފާއަށް ކޮށިގެންދިޔަ ވަރަށް ތަނަވަސް މަގެއް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭގޮތުން " އިންއެޑްވިސިބްލް ހެކިތައް" ހެއްކާ ބަހޭ ބިލުގައި ހުރި ކަމަށް ސުޕްރީމް ކޯޓުން އެއްބަސްވެފައިވާ ކަމަށާއި އެއާބެހޭގޮތުން ފަނޑިޔާރުން ގޮތްތަކެއް ނިންމަންޖެހޭ ކަމަށް ހުކުމްގައި ބުނެފައިވުމަކީ ވެސް ލިބުނު ކާމިޔާބެއް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި އެއީ އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި ފަނޑިޔާރުން އެ ދެ ހެއްކާބެހޭ ގޮތުން ފަނޑިޔާރުން ގޮތް ނިންމަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ވ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި ހެކި ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، ނަމަވެސް އެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ފޮނުވަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.