ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮ އަރްޕީތާ ޚާންގެ ގެއިން ވައްކަން ކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަރްޕީތާއި ބޮލީވުޑް ތަރި އަޔޫޝް ޝަރުމާގެ ގެއިން ވައްކަން ނަގާފައިވަނީ ފަސް ލައްކަ ރުޕީސްގެ ޑައިމަންޑް އެކެވެ. އަރްޕީތާ ގެއިން ވައްކަން ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ރެ އެވެ. މިމައްސަލާގައި 30 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގުކޮށް އިތުރު ހެކި އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޚާރު ޕޮލިސް ސްޓޭޝަންގެ އޮފިޝަލަކު ބުނެފައިވަނީ މިމައްސަލަ ހުށައެޅުމާއެކު އެސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ބަލާފައިވާ ކަމަށެވެ.

އަޔޫޝް އާއި އަރްޕިތާ ކައިވެނިކުރީ 2014ގެ ނޮވެމްބަރު މަހު އެވެ. މި ދެމަފިރިންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ.

އަރްޕިތާ އަކީ ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން އާއި އޭނާގެ ދެވަނަ އަނބި އަދި ކުރީގެ މަޝްހޫރު ނެށުންތެރިޔާ ހެލަން އެޑޮޕްޓްކޮށްފައިވާ ކުއްޖެކެވެ. އެޑޮޕްޓްކޮށްފައި ވިޔަސް ސަލްމާނާއި އޭނާގެ އެއްބަނޑު އެއްބަފާ ކުދިން އަދި އާއިލާގެ އެންމެން ވެސް އަރްޕިތާ ދެކެ އިންތިހާއަށް ލޯބިވެ އެވެ.