ފާހާނާ ތަށްޓަކީ އާއްމުކޮށް ބުނާނަމަ އެންމެ ޖަރާސީމު ގިނަ ތަނުގެ ގޮތުގައި އަހަރުމެންނަށް ހީވެފައި އޮންނަ ތަނެވެ. އެހެން ނަމަވެސް ހައިރާން ކުރުވަނިވި ކަމަކީ އެއަށްވުރެ ޖަރާސީމު ގިނަ ތަކެތި ވެސް އަހަރެމެންގެ އާއްމު ދިރިއުޅުމުގައި ގެންގުޅެވޭ ކަމެވެ.

އެގޮތުން ބަލާއިރު ފައި ނިވާވެ، ވައި ނުހިނގާ ގޮތަށް ހުންނަ ބޫޓަކީ ފާހާނާ ތަށްޓަކަށް ވުރެ ގިނައިން ޖާރާސީމު ހުންނަ އެއްޗެއް ކަމަށް ދިރާސާތަކުން ވަނީ ހޯދިފަ އެވެ.

މިކަމާ ބެހޭ ގޮތުން އެމެރިކާގައި ހެދި ދިރާސާގައި ތަފާތު 8000 މީހުންގެ ބޫޓާއި، 200 ކުއްތާގެ ފައިގައި ހުރި ޖަރާސީމު ނަގައި އަޅާ ކިޔާފައިވެ އެވެ. ދިރާސާއިން އެނގުނު ގޮތުގައި އިންސާނުން ބޭނުންކުރާ ބޫޓުގައި 66 މިލިއަން އަށް ވުރެ ގިނަ ޖަރާސީމު ހުރެ އެވެ.

ބޫޓުތަކުގައި ހުންނަ ޖަރާސީމުގެ އުމުރު އެހެން ޖަރާސީމުތަކަށް ވުރެ ދިގުއިރު، އޭގެ ސަބަބުން ލޮލާއި، ފުއްޕާމެއި އަދި ބަނޑުގެ ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ.

އާއްމުކޮށް ބޫޓުތަކުން ދުވާ "ކުނި" ވަހަކީ މި ޖަރާސީމުތަކުގެ ސަބަބުން ދުވާ ވަހެއް ކަމަށާއި ޖަރާސީމު އާލާވުމަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ ފައިން ލޮނުދާ ހިއްލުން ކަމަށްވެ އެވެ.

އެހެން ކަމުން ގެއަށް ވަނުމުގެ ކުރިން ބޫޓު ބާލަން ވާނެ އެވެ. އަދި ޑިސްއިންފެކްޓާއެއް ބޭނުންކޮށްގެން ގަވާއިދުން ބޫޓު ސާފު ކުރަން އާދަކުރާށެވެ.