ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާންގެ ފިރިހެން ދަރިފުޅު އާރްޔަން ހާންގެ އެންމެ ފުރަތަމަ ވެބް ސީރީޒްގައި ޝާހްރުކް އާއި ރާންވީރު ސިންގް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އާރްޔަން ފުރަތަމަ ޑައިރެކްޓްކުރާ ވެބް ސީރީޒަކީ "ސްޓާޑަމް" އެވެ. ޝާހުގެ އަމިއްލަ ރެޑް ޗިލީ އެންޓަޓައިންމަންޓްގެ ޕްރޮޑިއުސްކުރާ މި ވެބް ސީރީޒްއަކީ ފިލްމު އިންޑަސްޓްރީގެ ވާހަކައެއް ކިޔައިދޭނެ ސީރީޒެކެވެ. މި ސީރީޒްގައި ޝާހްރުކާއި ރަންވީރު ފެންނާނީ ހާއްސަ ކެމިއޯތަކަކުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ސީރީޒްގައި ޒުވާން އާ ފަންނާނުންނާ އެކީ މަޝްހޫރު ތަރިންތަކެއް ފެންނާނެ އެވެ. އެހެން ނަމަވެސް މި ސީރީޒްގައި ފެނިގެންދާނެ އެހެން ތަރިންނާ ބެހޭ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. މި ސީރީޒް ދައްކަން ފަށާނެ ތާރީހެއް ވެސް އިއުލާނެއް ނުކުރެ އެވެ.
ދަރިފުޅުގެ ފުރަތަމަ ސީރީޒްގައި ޝާހްރުކް ހިމެނޭ ކަމަށް އަޑު ފެތުރިފައިވާ އިރު، އާރްޔަން ހިއްސާވާ ބްރޭންޑް "ޑި-ވަޔޯލް" އިން މިދިޔަ މަހުގެ ފަހުކޮޅު ލޯންޗްކުރި ސްޓްރީޓްވެއާ ކަލެކްޝަންގެ އިޝްތިހާރުގައި އާރްޔަން އާއި ޝާހްރުކް އެކީގައި ފެނިފައިވެ އެވެ. އެ އިޝްތިހާރު ޑައިރެކްޓްކުރީ ވެސް އާރްޔަން އެވެ.
އާރްޔަން ލިޔުންތެރިއެއް އަދި ޑައިރެކްޓަރެއް ގޮތުގައި ފިލްމީ ދާއިރާ އަށް ނިކުންނަން ތައްޔާރުވަމުން އަންނައިރު، އޭނާގެ ކޮއްކޮ ސުހާނާ ބޮލީވުޑަށް ތައާރަފުވަނީ އެކްޓަރެއް ގޮތުގަ އެވެ. ސުހާނާ ފުރަތަމަ ފެނިގެންދާނީ ޒޯޔާ އަކްތަރު ޑައިރެކްޓްކުރާ ވެބް ސީރީޒަކުންނެވެ. ނެޓްފްލިކްސް އިން ދައްކަން ނިންމާފައިވާ އެ ޝޯ ދައްކަން ފަށާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.