ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފި އެވެ.

މައުމޫންގެ އިސްލާހީ ހަރަކާތަށް އުފެއްދެވި ޕާޓީ އުވާލަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ އިސް އޮފިޝަލަކު ވަނީ "ހުރިހާ"އަށް ކަށަވަރުކޮށްދީފަ އެވެ އަދި އެކަމާ ގުޅޭ ގޮތުން ނިންމި ނިންމުން މިއަދު މެންދުރު ފަހު އާއްމުކުރާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ގާނޫނުގައިވާ އަދަދަށް މެމްބަރުން ހަމަކުރަން އެމްއާރުއެމްއަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ދިން ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ. ފުރަތަމަ ނޯޓިސްދިނީ 2022 ގަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ތިން މަސް ދިން ޕާޓީތަކުގެ ތެރޭގައި އޭރު އެމްއާރުއެމް ހިމެނުނަސް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މެމްބަރުން ހަމަކުރި އެވެ. އެހެންވެ ޕާޓީ އުވުމުގެ ބިރު ފިލީ އެވެ.

އީސީން ބުނި ގޮތުގައި އެމްއާރުއެމަށް ދެ ވަނަ ފަހަރަށް ނޯޓިސް ފޮނުވީ ފެބުރުއަރީ 22 ގަ އެވެ. އަދަދު ހަމަކުރަން ދިން މުއްދަތުގައި އެކަން ނުވެއްޖެ ނަމަ އޮންނާނީ ޕާޓީ އުވާލުން ކަމަށް އީސީން ބުނެފައިވެ އެވެ.

ގާނޫނުގައި ބުނާ އަދަދު ހަމަނުވެއްޖެ ކޮމިޝަނުގެ ޖަލްސާއެއް ބާއްވައި ޕާޓީ އުވާލެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު ފެބުރުއަރީއާ ހަމައަށް މެމްބަރުންގެ އަދަދަކީ 2،981 އެވެ. މިއީ ފަސޭހައިން 3،000 ހަމަވާނެ އަދަދެކެވެ.

އެމްއާރުއެމުން ކުރިން ބުނެފައިވާ ގޮތުގައި އެ ޕާޓީން މެމްބަރުން މަދުވުމުގައި އީސީގެ ތެރޭގައި އޮޅުވާލުންތަކެއް ހިނގަ އެވެ. އެންގުމަކާ ނުލައި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދާއިރު ބައެއް މީހުން ތިބެނީ ޕާޓީގެ އެކި މަގާމްތަކުގައި ކަމަށް ވެސް އެމްއާރުއެމް އިން ބުނެފައިވެ އެވެ.

މިއީ ރައީސް މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގަރާރަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ. އަދި ޕީޕީއެމް ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް ޔާމީންއާ ދެމެދު އުފެދުނު ސިޔާސީ ކޯޅުމުގެ ތެރެއިންނެވެ.