ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމުމުން މައުމޫން ވަރަށް ބޮޑަށް ނުރުހުންވެވަޑައިގެން ފާޑު ވިދާޅުވެއްޖެ އެވެ.

މައުމޫންގެ އިސްލާހީ ހަރަކާތަށް އުފެއްދެވި ޕާޓީ އުވާލަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ އިސް އޮފިޝަލަކު ވަނީ "ހުރިހާ"އަށް ކަށަވަރުކޮށްދީފަ އެވެ އަދި މެންބަރުން ހަމަކުރުމަށް ދެވުނު ތިން މަސްދުވަހުގެ މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލުމަށާއި މިއަދުން ފެށިގެން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އެޕާޓީއަށް އެންގުމަށް އެ ކޮމިޝަނުން މިއަދު ނިންމާ ކަމަށް ބުނެފައިވެ އެވެ.

އެ ނިންމުމާ ގުޅިގެން އެމްއާރުއެމްގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ކުރެއްވި ޓުވީޓަކާ ގުޅިގެން މައުމޫން ވިދާޅުވީ "މި ޣައިރު ޤާނޫނީ އަދި ކޮރަޕްޝަންގެ އުސޫލްތަކާ ދެކޮޅަށް މަސައްކަތްކޮށް އިންޝާ الله ކާމިޔާބު ކުރާނަން" ކަމަށެވެ.

ފާރިސް ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ އެމްއާރުއެމް އުވާލަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އަދި "ޕާޓީ އުވާލަން ނިންމީ ބޭނުންވާ މެމްބަޝިޕް ނަމްބަރުގެ ދަށަށް ދިއުމުން" ކަމަށް ވެސް ބުނެފައިވާ އޭނާ ވިދާޅުވި އެވެ.

"މި ދަތި ދަނޑިވަޅުގައި ވެސް އަޅުގަނޑުމެންގެ މެންބަރުންނާއި ސަޕޯޓަރުން ހިމޭނުން ތިބުމަށް އިލްތިމާސް ކުރަމެވެ. މިކަން ހިނގަން މެދުވެރިވި މަރުހަލާއަކީ، އަޅުގަނޑުމެންގެ ލޮބުވެތި ގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަނާއި، ލާއިންސާނީ އަމަލުތައް ދައްކުވައިދޭ، އަދި ހިތާމައަކީ ޤަބޫލުކުރެވޭ އުޞޫލަކަށް ވެގެން ގޮސްފައިވާ ކަމެވެ. އިންޝާ الله އަޅުގަނޑުމެން މި ޣައިރު ޤާނޫނީ މަރުޙަލާއާއި ނިންމުންތަކާ ދެކޮޅަށް މަސައްކަތްކޮށް ކާމިޔާބު ހޯދާނަން" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ފައިސާއާއި ނުފޫޒުގެ ކޮރަޕްޓް ޕޮލިޓިކްސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ފާޅުގައި އަޅުގަނޑުމެންނާ ބައިވެރިވުމަށް ސަޕޯޓަރުންނާއި ހެޔޮއެދޭ ފަރާތްތަކަށް ދައުވަތު ދެއްވާ ކަަމަށެވެ.

ގާނޫނުގައިވާ އަދަދަށް މެމްބަރުން ހަމަކުރަން އެމްއާރުއެމްއަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ދިން ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ. ފުރަތަމަ ނޯޓިސްދިނީ 2022 ގަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ތިން މަސް ދިން ޕާޓީތަކުގެ ތެރޭގައި އޭރު އެމްއާރުއެމް ހިމެނުނަސް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މެމްބަރުން ހަމަކުރި އެވެ. އެހެންވެ ޕާޓީ އުވުމުގެ ބިރު ފިލީ އެވެ.

އީސީން ބުނި ގޮތުގައި އެމްއާރުއެމަށް ދެ ވަނަ ފަހަރަށް ނޯޓިސް ފޮނުވީ ފެބުރުއަރީ 22 ގަ އެވެ. އަދަދު ހަމަކުރަން ދިން މުއްދަތުގައި އެކަން ނުވެއްޖެ ނަމަ އޮންނާނީ ޕާޓީ އުވާލުން ކަމަށް އީސީން ބުނެފައިވެ އެވެ.

ގާނޫނުގައި ބުނާ އަދަދު ހަމަނުވެއްޖެ ކޮމިޝަނުގެ ޖަލްސާއެއް ބާއްވައި ޕާޓީ އުވާލެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު ފެބުރުއަރީއާ ހަމައަށް މެމްބަރުންގެ އަދަދަކީ 2،981 އެވެ. މިއީ ފަސޭހައިން 3،000 ހަމަވާނެ އަދަދެކެވެ.