ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށް އަމާޒޒުކޮށް ތިން ފަހަރެއްގެ މަތީން ބޮން ގޮއްވާ އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ އެނގިފައި ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހަޅާފައިވާ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދިވެހި ދަނޑުވެރިންނަށް ދެމުން އައި ސަބްސިޑީ އިއާދަކުރަން ހުށަހެޅި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުން ރައީސް ނަޝީދު އުފައްދާފައިވާ ދަ ޑިމޮކްރޭޓްސް ގެ މެމްބަރުން ވަނީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާ ދިނީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް އެނގިގެން ކަމަށް ބުނެފަ އެވެ.
އެ ވާހަކަ ފެއްޓެވި ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން އިހުމަލުވެފައި ވަނީ ހަމަ އެކަނި ފުޑް ސެކިއުރިޓީ އަށް ނޫން ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ ސެކިއުރިޓީއަށް ވެސް އިހުމާލުވެފައިވާ ކަމަށެވެ.
ހަސަން ވިދާޅުވީ މާލޭ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު މަޖީދީ މަގުގައި ރޯދަ މަހެއްގެ ރޭގަނޑު ބޮމެއް ގޮވިކަން އޮތީ ރައީސް ސޯލިހު އަށް އެނގިފައި ކަމަށެވެ.
"މަޖިލީހުގެ 241 ކޮމެޓީން ހިންގި އިންކްއެރީގައި ސާފުކޮށް އެބޮތް އިނގެން ކެނެރީގޭ ގޯޅީގައި ހުރި ސައިކަލެއްގައި ބޮމެއް ހަރުކޮށްފާ ރައީސް ނަޝީދު ނިކުމެވަޑައިގަންނަވާ ގަޑީގާ އެބޮން ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ރައީސް ޞާލިހުއަށް އިނގޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައި،" ހަސަން ވިދާޅުވި އެވެ.
ހަސަން އިތުރަށް ވިދާޅުވީ ކެނެރީގޭ ގޯޅި ތެރޭގަޔާ މޭރީ ބްރައުން ކައިރީގަޔައި ޔާގޫތުގެ ކައިރީގައި ބޮމެއް ހަރުކޮށްގެން ރައީސް ނަޝީދު އަވަހާރަ ކޮށްލަން އުޅޭ ކަމުގެ މައުލޫމާތުވެސް ރައީސް ޞާލިހަށް ލިބިފައިވާ ކަމަށެވެ.
ހަސަން ގެ އެވާހަކަ ތަކާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވީ ޔާގޫތުގޭ ދޮށުގަޔާއި މޭރީ ބްރައުން ދޮށުގައި ބޮމެއް ހަރުކުރި ކަމުގެ މައުލޫމާތު ނޭނގޭ ކަމަށެވެ. އެހެންވެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ ބޮންޑާ އަށް އެކަން އެއީ ހިނގި ކަމެއްކަން ސާފުކޮށްދެއްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ މޭރީ ބްރައުން ދޮށުގައާއި ޔާގޫތުގެ ދޮށުގައާއި ކެނެރީގޭ ދޮށުގަ ބޮމެއް ހަރުކޮށްގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ އެނގިފައިކަން އެމަނިކުފާނަށް ޔަގީން ކޮށްދެވިދާނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން ކޮށްދެވިދާނެ މޭރީ ބްރައުން ކައިރީގައި ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އަޅުނު ކަމާ އަދި ޔާގޫތުގޭ ކައިރީ ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އުޅުނުކަމުގެ މައުލޫމާތު އަދި ކެނެރީގޭ ދޮށުގާ ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އުޅޭ ކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ އެނގިފައިކަން، މިތަނުގައިހުރި ތަހުގީގު ތަކުންނާއި އަދި އިތުރު ތަހުގީގު ތަކުން ވާނީ ވަރަށް ރަނގަޅަށް އިނގިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ ރައީސް ޞާލިހަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. ސިޔާސީ ހަދަވެރިކަމެއްގައި ނަޝީދަށް ހަމަލާދޭން ދޫކޮށްލިއިރު އެ ސަރަހައްދުގައި ތިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުނު ކަމަށް އީވާ ވިދާޅުވި އެވެ.
އީވާ ވިދޅާުވީ މެމްބަރު ހަސަން ލަތީފް އެވާހަކަތައް އެދެއްކެވީ އެކަން ހިނގާދިޔަގޮތް ސާފުކޮށް އެނދޭތީ ކަމަށެވެ.