އަރިޖީތު ސިންހްއަކީ މިހާރު ބޮލީވުޑްގެ އެންމެ މަޝްހޫރު ފިރިހެން ލަވަކިޔުންތެރިޔާއޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އޭނާގެ އަޑުން ހިޓް އެތައް ލަވައެއް އިވިގެން ގޮސްފައިވެ އެވެ.

އެހެން ނަމަވެސް ސޯޝަލް މީޑިއާގައި އަރިޖީތުގެ އާ ފޮޓޯތަކެއް ދައުރުވަމުން އަންނައިރު އޭނާގެ ކިބައިން އެ ކާމިޔާބާއި މުދަލުގެ އެއްވެސް ނޝާނެއް ފެންނާކަށް ނެތެވެ.

އެ ފޮޓޯތަކުން ފެންނަނީ ވަރަށް އާދައިގެ ހެދުމެއްގައި ސައިކަލަކަށް އަރައިގެން ބާޒާރުކޮށްގެން އަރިޖީތު އަންނަ މަންޒަރެވެ. މިއީ އޭނާގެ އުފަން ރަށް، މުރްޝިދުއާބާދުގައި ނަގާފައިވާ ފޮޓޯ އެކެވެ.

ކާމިޔާބު ލަވަކިޔުންތެރިއަކަށް ވެ ހުރެމެ އަދި މުދަލާއި ފައިސާ ވެސް ހުރެމެ އެއްވެސް ކިބުރުވެރި ކަމެއް ނެތި އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނާތީ ގިނަ ބަަޔަކު އޭނާއަށް އަންނަނީ ތައުރީފު ކުރަމުންނެވެ.

އެގޮތުން އަރިޖީތުއަކީ ހިތްތިރި މީހެއް ކަމަށާއި އަގުބޮޑު ކާރުތަކާއި ހެދުންތަކަށް އޭނާގެ ފައިސާ ބޭކާރު ކުރަން ބޭނުންނުވާ ކަން ގިނަ ބަޔަކު ފާހަގަ ކުރި އެވެ.

އަރިޖީތުގެ އަޑުން އިވިފައިވާ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި "ތުމް ހީ ހޯ"އާއި "ޗާހޫން މޭ އަނާ" ފަދަ ލަވަތައް ހިމެނެ އެވެ.