ސިފައިންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ މިސަރުކާރުން ސިފައިންގެ އެންމެ އިސްކަމެއްގެ ގޮތުގައި ދެކެނީ ސިފައިންގެ ވެލްފެއާ ރަނގަޅުކުރުން ކަމަށެވެ. ވަރަށް އަވަހަށް ސިފައިންނަށް ބޭނުންވާ ހިދުމަތްތައް ރަނގަޅުކޮށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
އެގޮތުން ހައުސިން އެލަވެންސްގެ އުސޫލާއި، ސިފައިންނަށް ދިމާވާ ސިއްހީ ކަންކަމުގައި ޗުއްޓީ ދިނުމުގެ އުސޫލަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފުތަކެއް ހައްލުކޮށްދެވިފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ސިފައިންނަށް ދިމާވާ ދަތިތައް ވީހާ ވެސް އަވަހަށް ހައްލުކުރުން ކަމަށް ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނެސްދޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ މިސަރުކާރު އައިފަހުން ސިފައިންގެ ކަންކަން މުރާޖާކޮށް ކުރި މަސައްކަތްތަކުގެ ތެރެއިން ކުރިން ނުކުރެވި ހުރި ކިތަންމެ ކަމެއް ފަހިވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެއްވެސް ދާއިރާއެއް އިސްތިސްނާ ކުރެއްވުމެއް ނެތި ދިފާއީ ބާރު ތަރައްގީކުރެއްވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ކުރިއެރުން ފެންނަމުން އަންނަ ކަން މިނިސްޓަރު މާރިޔާ ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިދިޔަ އަހަރު ވަނީ ޓީޗަރުންގެ މުސަރަ ބޮޑުކޮށްފަ އެވެ. އަދި ދާދި ފަހުން ވަނީ ސިއްހީ ހިދުމަތްތެރިންގެ މުސާރަ ވެސް ބޮޑުކޮށްފަ އެވެ.