ޗާގޮސް މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަމަލުކުރައްވާފައި ވަނީ، ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކަމަށް ވިދާޅުވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އެފަދަ ބޮޑުކަމެއްގައި ކޯލިޝަން ލީޑަރުންނާ މަޝްވަރާ ނުކުރުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

މީގެ ކުރިން ވެސް ގާސިމް ވަނީ ޗާގޯސް މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.

ގާސިމް ވިދާޅުވީ މިއަދުގެ ޖަލްސާގައި އެ މައްސަލަ އަނެއްކާ ވެސް އެޖެންޑާ ކުރީ، ކުރިން އެކަމުގައި ގޮތެއް ނިންމާފައި ނުވާތީ ނޫން ކަމަށެވެ. އަދި ވިދާޅުވީ ކުރިން ވެސް އެ މައްސަލާގައި އެ ޕާޓީގެ ލީޑަރުގެ ހައިސިއްތުން ގެންގުޅުއްވާ ސްޓޭންޑް ހާމަކޮށްފައިވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީ ވެސް ހިމެނޭ ގޮތަށް ހަތަރު ޕާޓީއެއްގެ މެދުގައި ކޯލިޝަން އެއްބަސްވުމެއް ހަދައިގެން ކަމަށެވެ. އަދި ރާއްޖޭގެ އޮންނަން ޖެހޭނީ އިސްލާމް ދީން ކަމާއި ރާއްޖޭގެ ގައުމިއްޔަތާއި މިނިވަންކަން ވަރަށް ސާފުކޮށް އެ އެއްބަސްވުމުގައި ލިޔެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

."އެއިން އެއްވެސް ކަމަކަށް [ބަދަލެއް އަންނަ ކަމެއް] ކުރަން ވާނީ، އަޅުގަނޑުމެންގެ [ކޯލިޝަން ޕާޓީތަކުގެ] ލީޑަރުންގެ މެދުގައި މަޝްވަރާ ކުރެވި، އެ މަޝްވަރާއާ އެއްގޮތްވާ ގޮތުގެ މަތިން، ގާނޫނު އަސާސީއާއި ގާނޫނު ތަންދޭ ގޮތުން ކަމަށް ވާނީ، އެއްބަސްވެ ސޮއިކޮށްފައި،" ގާސިމް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވަނީ ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެ ގަރާރުގައި ވަނީ ޗާގޮސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި އިޓްލޮސް)އިން މިދިޔަ އެޕްރީލް މަހު ނިންމި ނިންމުމުގެ ސަބަބުން ގާނޫނުގެ ދަށުން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރަހައްދުން 45،000 އަކަ ކިލޯ މީޓަރު ގެއްލިފައިވާ ކަމަށެވެ.

އެ ގަރާރުގައި އެދިފައި ވަނީ ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީއަށް ކާމިޔާބުވެއްޖެ ނަމަ، ރާއްޖެ އާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުން ގާނޫނީ މާހިރުންގެ އެހީތެރިކަމާއެކު އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ފަހު، އެ މައްސަލަ އިސްތިއުނާފުކޮށް، ރާއްޖެއަށް ގެއްލުނު ކަނޑުގެ ބައި އަލުން ހޯދުމަށް މަސައްކަތް ކުރުމަށް ކައުންސިލް މެމްބަރުން އެއްބަސްވުމަށެވެ.