ފ. ދަރަނބޫދޫގެ ކަންކަން ކުރިއަށްގެންދާނީ ދަރަނބޫދޫގެ ޒުވާނުން ބޭނުންވާ ގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ފ. ދަރަނބޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

މިއަދު މެންދުރުފަހު ދަރަނބޫދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ވެފައިވާ މައިގަނޑު ވަޢުދުތައް ފުއްދިފައިވާކަމަށެވެ. އަދި އިތުރަށް ބޭނުންވެފައިވާ ކަންކަން ބަޖެޓުން ޖާގަ ހޯދައިގެން ކުރިޔަށް ގެންދެވޭނެ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނީ، ރަށްރަށުގެ އާންމު ރައްޔިތުންނާއި ބައްދަލު ކުރައްވައި، ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ދަރަނބޫދޫގެ ރައްޔިތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ވަޒީފާއާ ގުޅޭ މައްސަލަތަކާއި، ކުޅިވަރުކުޅޭނެ ދަނޑެއް ނެތުމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިވާނޭ ކުޅިވަރު މުބާރާތްތައް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތުން ހިމެނެ އެވެ.