ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބައެއް މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ސަރުކާރުން އުޅެނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ މުދާ ދައުލަތަށް ނެގި އުސޫލުގެމަތިން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި އެދުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އޭނާ ވިދާޅުވީ ނާސިރުގެ މުދާ ސަރުކާރަށް ނަގައިގެން ވީ ފައިދާއެއް، އަދި ރައްޔިތުންނަށް ހާސިލު ކުރެވުނު އެއް ކަމެއް ވެސް ނެތް ކަމަށެވެ.

ރައީސް ޔާމީނާ މެދު މި ސަރުކާރުން ބަދަލުހިފަނީ އެމްޑީޕީގެ އެކްޓިވިސްޓުން ރުއްސަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ދެ ދުވަހެއްގެ މަތިން 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، އޭގެ ތެރެއިން 1.1 މިލިއަން، ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތުގެ ދައުވާ އުފުލާފަ އެވެ.