ބޮލީވުޑް އެކްޓްރެސް އާލިއާ ބަޓްއަކީ އޭނާގެ އާއިލާ މެމްބަރުންނާ ވަރަށް ގާތް ގުޅުމެއް ބޭއްވާ އެކްޓަރެއްކަން އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން އެނގެ އެވެ.

އެގޮތުން އޭނާގެ މަންމަ ފަރާތުގެ ކާފަ ނަރެންދްރަނާތު ރަޒްދާން މިފަހުން މަރުވެފައިވާއިރު އާލިއާ ވަނީ ކާފައަށްޓަކައި ހާއްސަ މެސެޖެއް ކޮށްފަ އެވެ.

އާލިއާގެ އިންސްޓަގްރާމްގައި އޭނާ ވަނީ ކާފައާއެކު ހޭދަކޮށްފައިވާ އުފާވެރި ވަގުތުތަކުގެ ވީޑިއޯއެއް ހިއްސާކޮށް ކާފައަށް އަބަދުވެސް އޭނާގެ ހިތުން ހާއްސަ ޖާގައެއް ދެވިފައިވާނެ ކަމަށް ބުނެފަ އެވެ.

އާލިއާ އޭނާގެ ކާފަގެ ހަނދާން އާކޮށްފައިވަނީ ކާފަގެ 92 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ. އޭނާ މަރުވެފައިވަނީ އުމުުރުން 93 އަހަރުގަ އެވެ.

އާލިއާ އޭނާގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ކާފައަކީ އޭނާގެ އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ވަރަށް ހަރަކާތްތެރިވެ އުޅުނު މީހެއް ކަމަށެވެ.

ނަރެންދްރަނާތުގެ ޖަނާޒާއަށް ފިލްމީ ދާއިރާގެ ގިނަ ބަޔަކު ވަނީ ހާޒިރުވެފަ އެވެ.