އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އިފުތިތާހުކޮށް ދެއްވާނެ އެވެ.

ބިން ހިއްކުމުގެ މަޝްރޫއު އަކީ ރައީސް މިދިޔަ އަހަރުގެ މާޗް އައްޑު އަށް ކުރެއްވި ދަތުރުގައި މާޗް 27، 2022 ގައި ނެދަލޭންޑްސްގެ ކުންފުނި ވެން އޫޑްއާ ހަވާލުކުރި ޕްރޮޖެކްޓެކެވެ. މި މަޝްރޫއުގެ މަސައްކަތް މިހާރު އަންނަނީ ވަރަށް ބާރަށް ކުރިއަށެވެ.

މީގެ އިތުރުން ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ރައީސް ފައްޓަވައި ދެއްވާނެ އެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރިނާޓަސްއާ އެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗް މަހުގެ 5 ވަނަ ދުވަހު އެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ އައްޑޫ ދަތުރުގައި ސަރުކާރުން މިހާރު އައްޑޫގައި ހިންގަމުން އަންނަ ބައެއް އެހެން މަޝްރޫއުތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ގޮތަށް ބައްލަވާލައްވާނެ އެވެ.

ރައީސް ސޯލިހު އެންމެ ފަހުން އައްޑު ވަޑައިގެންނެވީ މިދިޔަ ޖެނުއަރީގަ އެވެ.