ދޮށީ އުމުރުގެ މީހުންނަށްދޭ އިނާޔަތް މުރާޖައާކޮށް ބަދަލު ގެންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އައްޑޫގެ ތަރައްގީ ފާހަގަކުރަން މިރޭ ހިތަދޫ ސިޓީ ސްކޮޔާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށްދޭ އެލަވެންސަށް ގެންނަންޖެހޭ ބަދަލުގެ މަސައްކަތް މިހާރު ނިމިފައިވާއިރު އެ ބަދަލު ވަރަށް އަވަހަށް އިއުލާންކުރެވޭނެ ކަމަށެވެ. އަދި ދެން އޮތީ ދިށީ އުމުރުގެ މީހުންނަށް ދޭ އެލަވަންސް ކަމަށާއި އެވެސް މުތާލިއާކޮށް ބަދަލު ގެންނަވާނެ ކަމަށެވެ.

ދުވަސްވީ މީހުންނަށް އަޅުގަނޑުމެންގެ އިސްރަށްވެހީންނަށް ދޭ އެލަވަންސްއަށް ގެންނަން ޖެހޭ ބަދަލު. އެވެސް އަޅުގަނޑުމެން މި ގެންދަނީ މުތާލިއާ ކުރަމުން. އެއަށް ގެންނަން ޖެހޭ ބަދަލުތަކާއެކުގައި އެއަށްވެސް ކުރިއަށް އޮތްތަނުގައި ބަދަލު އަންނާނެ." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މި ބަދަލު ގެންނަވާނީ ކޮން އިރަކު ކަމެއް އަދި ކިހާވަރެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ. ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައިވެސް ވަރަށް ގިނަ ކަންކަން ހިމެނިފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ދޮށީ އުމުރުގެ މީހުންނަށް ދެމުންދަނީ 5000ރ. އެވެ. އެންމެ ފުރަތަމަ މި އެލަވަނަސް ދޭން ފެށީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު ދިނީ 2000ރ. އެވެ. ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އެލަވަންސްވަނީ ބޮޑުކޮށްފަ އެވެ.

އިންތިހާބާ ދިމާކޮށް އެލަވަންސްތަކާއި މުސާރަތައް ބޮޑު ކުރަމުންދާތީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަނީ އެއީ ކަނޑައެޅިގެން ކޮރަޕްޝަން ކަމަށާއި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށެވެ.

އައްޑޫ ސިޓީއަށް ގެންނަމުންދާ ތަރައްގީ ފާހަގަކުރުމަށް މިރޭ ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.