ރާއްޖެއަށް ކޮވިޑްގެ ހާލަތު މެދުވެރިނުވިނަމަ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިހާރު ހުންނާނީ ބޮޑުވެފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަށް ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ބައެއް ދާއިރާތަކުގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައިވާކަން ފާހަގަކުރައްވާފަ އެވެ. އެއަށްފަހު އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ހާލަތު މެދުވެރި ނުވިނަމަ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިހާރު ހުންނާނީ ބޮޑުވެފައި ކަމަށެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި 65 އަހަރުން މަތީގެ މީހުންނަށް ދޭ އެލަވަންސަށް ބަދަލު ގެނައުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ބަދަލު އިއުލާންކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫއަށް ގެންނަ ތަރައްގީ ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީގައި މިހާރު ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ލިޔުމުން އެމަނިކުފާނަށް ހުށަހެޅި ހުށަހެޅުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތީ ރިޔާސީ އިންތިހާބުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ އަނެއްކާ ވެސް އައްޑޫ ރައްޔިތުން އެ ސިޓީ ތަރައްގީކުރާނެ ގޮތް ވިސްނައި ރާވަންވީ ވަގުތު ކަމަށެވެ.

އައްޑޫއަށް ގެންނަ ތަރައްގީ ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ދެން އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގައި ހުރި ބޮޑެތި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.