އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ 72 އަހަރުގެ އެކްޓަރުގެ ނަސީރުއްދީން ސާހު ކުޅޭ ކޮންމެ ފިލްމަކީ ކާމިޔާބު ފލްމެކެވެ. އަދި އޭނާ އަދާކުރާ ކޮންމެ ރޯލެއްވެސް އެންމެ ފުރިހަމައަށް ބެލުންތެރިނާ ހިސާބަށް ގެނެސްދެ އެވެ. ބޮލީވުޑް އާއި ސިޔާސީ ކަންކަމާއި މެދުގައި ނަސީރުއްދީން ދެކޭ ގޮތް އަބަދުވެސް އޭނާ ހާމަކުރެ އެވެ. މިވާހަކަތަކަކީ މީޑިއާތަކުގެ ސުރުހީތަކަށްވެސް އަރާ ވާހަކަތަކެވެ.
އެގޮތުން ނަސީރުއްދީން މިވަނީ އިންޑިއާގެ ފިލްމީ ދާއިރާގައި ދޭ އެވޯޑްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ފިލްމީ ދާއިރާގައި ދޭ އެވޯޑްތަކަކީ އެއްވެސް އަގެއް ހުރި އެވޯޑްތަކެއް ނޫން ކަމަށެވެ. އެއީ ކޮންމެ މީހަކަށްވެސް ގަނެވޭ އެވޯޑެއް ކަމަށްވެސް ނަސީރުއްދީން ވަނީ ބުނެފަ އެވެ.
އެކްޓަރު ބުނީ ފިލްމީ އެވޯޑްތައް އަގުހުރި އެއްޗަކަށް ނުވާ މައިގަނޑު ސަބަބަކީ ގިނަ އެވޯޑްތަކަކީ އިންސާފުވެރިކަމާ އެކީ ޖަޖްކުރާ އެވޯޑްތަކަކަށް ނުވާތީ ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ އެވޯޑް ލިބުނަސް ފަހުރުވެރި ނުވާ ކަމަށެވެ. އަދި އެންމެ ފަހުން ލިބުނު ދެ އެވޯޑް ބަލާވެސް ނުދާ ކަމަށާއި ލިބުން އެވޯޑް ބަހައްޓައިފައި ހުންނާނީ ފާހަނަގައި ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
"އެވޯޑް ހުންނާނީ ވޮޝްރޫމްގައި. ފާމްހައުސްގެ ވޮޝްރޫމް އަށް ވަންނަ ކޮންމެ މީހަކަށް އެ ދެއެވޯޑް ލިބޭނެ. އަހަރެން އެއްވެސް ވަރަކަށް ފަހުރުވެރިވާ އެވޯޑެއް ނޫންއެއީ"
އިތުރަށް އޭނާ ބުނީ ފިލްމީ ކެރިއަރުގެ ކުރީ ކޮޅުގައި އެވޯޑް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. ނަމަވެސް މިހާރު އެކަން އޮންނަ ގޮތް އެނގުމުން އުފާ ނުވާ ކަމަށް އެކްޓަރު ވަނީ ބުނެފައިއެވެ.
"އެހުރީ ލިބުން ހުރިހާ އެވޯޑް ތަށް ގޭގަ ފުންޔަކަށް. އެއީ އަހަރެން ފަހުރުވެރިވާ އެއްޗެއް ނޫން މިހާރު. ޖަޖުން ލޯބިވާ ބަޔަކަށް ދޭ އެއްޗެއް އެއީ. އިންސާފުން ލިބޭ އެއްޗެއް ނޫން." ނަސީރުއްދީން ބުންޏެވެ.
ނަސީރުއްދީން ފިލްމީ ދާއިރާގައި ދޭ އެވޯޑްތަކަށް އިހުތިރާމް ނުކުރިނަމަވެސް ޕަދްމާ ޝްރީ އާއި ޕަދްމާ ބުޝާން ފަދަ ގައުމީ އެވޯޑްތަކަށް އޭނާ އިހުތިރާމް ކުރާ ކަމަށެވެ.
ނަސީރުއްދީނަކީ ބޮލީވުޑްގެ އިތުރުން އިންޑިއާ އިން ބޭރުގެ ފިލްމުތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ
އޭނާގެ އެންމެ މަޝްހޫރު ހިންދީ ފިލްމުތަކުގެ ތެރެއިން ދިވެހިން އެންމެ ފަރިތަ ފިލްމަކަށްވާނީ ދިވެހި ފިލްމު "އަމާނާތް" އެ ފިލްމަކަށް ބިނާކުރި 1983 ގެ "މާސޫމް" އެވެ. ނަސީރުއްދިންގެ ފިލްމީ ކެރިއަރުގައި 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ އޭގެ ތެރޭގައި މަގުބޫލު އެތައް ފިލްމެއް ހިމެނެ އެވެ.