އެހެން އަހަރުތަކެކޭ ހިލާފަށް މި އަހަރު ހައްޖަށްދާ ދިވެހިންނަށް މިނާ އަދި އަރަފާތު ބިމުގައި އެކުގައި ތިބެވޭނެ ގޮތް ހަމަޖައްސައިފާވަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިއަހަރު ދިވެހި ހައްޖުވެރިންނަށް ހިދުމަތްދޭ ކުންފުނިކަމުގައިވާ "އަލް ބައިތު ގެސްޓްސް" އާ ބައްދަލުކުރުމަށްފަހު އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ދިވެހި ހައްޖުވެރިންނަށް މިނާ އަދި އަރަފާތު ބިމުގައި އެކުގައި ތިބެވޭނެ ކަމަށެވެ.

މި އަހަރުގެ ހައްޖު މޫސުމުގައި ދިވެހި ހައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި ބައްދަލުވުމުގައި އަލްބައިތު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އުސާމާ އަބްދުﷲ ދާނިޝް ހައްޖުވެރިންނަށްދޭ ހިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެކަން ފާހަގަ ކުރައްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި އަހަރު ރާއްޖެއަށް ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި 1000 ލިބިފައިވާއިރު ކޯޓާގެ އަދަދު 2500 އަށް ބޮޑުކުރަން ރާއްޖެއިން ވަނީ އެދިފަ އެވެ. މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ސައުދީން އިތުރަށް ކޯޓާ ދިން އަދަދުތަކަށް ބަލާއިރު، އިތުރަށް ހާހެއްހާ ކޯޓާ ލިބިދާނެ ކަމަށެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށެވެ. ދިވެހި ހައްޖުވެރިން ހައްޖަށް ފުރަން ފަށާނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

ދިވެހި ސަރުކާރުގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 27ވާ އަންގާރަ ދުވަހެވެ.