މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުންގެ އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގެންނަވާނީ ނައިބު ރައީސް ފައިސަލް ނަސީމް ކަމުގައި ސަރުކާރުން ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން ހައްޖުވެރިންނާއެކު ނައިބު ރައީސް ފައިސަލް ވަޑައިގެންނަވާ ގޮތަށް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

ދިވެހި ހައްޖާޖީންގެ އެންމެހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާ ވެސް ފުރިހަމަޔަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖެއިން މި އަހަރު ހައްޖަށްދާ މީހުން ފުރުން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ. އެގޮތުން މާދަމާ ފުރުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރެޝަން އިން ހައްޖަށްދާ މީހުންނެވެ.

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަންގެ އިތުރުން ތިން ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.

އެއީ އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ގުރޫޕަށާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕް އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އެވެ

ރާއްޖެއިން މިީހުން ހައްޖަށް ގެންދިއުމަށް ކޮންމެ އަހަރަކު ވެސް ރަސްމީ ކޯޓާގެ ގޮތުގައި ސައުދީ ސަރުކާރުން 1،000 ކޯޓާ ދެ އެވެ. އަދި ސަޢުދީ ސަރުކާރުން ދޭ ރަސްމީ ހައްޖު ކޯޓާ، 2،500 އަށް އިތުރުކޮށްދެއްވުމަށް ދިވެހި ސަރުކާރުން ވަނީ އެދިފަ އެވެ.