ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުﷲ ޖަމީލް މިއަދު އަވަހާރަވެއްޖެ އެވެ.

ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލްގެ ބައްޕާފުޅު އަބްދުﷲ ޖަމީލް އަވަހަރާވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ބޭބޭފުޅު އަބްދުﷲ ޖަމީލް ވަނީ މޭ 27، 1991 އިން ނޮވެމްބަރު 10، 1993 އާ ހަމައަށް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭގެ އިތުރުން ހެލްތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި އެޓޮލްސް މިނިސްޓްރީ އާއި ހޯމް އެފެއާޒް އެންޑް ހައުސިން މިނިސްޓަރުކަން ވެސް ހިމެނެ އެވެ. އަދި ރައީސް އޮފީހުގެ އެކި މަގާމުތަކާއި ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމާއި މާފަންނު އަވަށު އޮފީހުގެ ވެރިޔާކަން ވެސް ކުރެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ތ. އަތޮޅުގެ މެންބަރުކަން 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރައްވައިފަ އެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން 14 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި އެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ނޮވެމްބަރު 10، 2008 ގައި ދައުލަތުން އަރުވާފައިވާ އަބްދުﷲ ޖަމީލް ވަނީ 54 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ.

އަބްދުﷲ ޖަމީލް އަވަހާރަވިއިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރޭގައި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ހިމެނިވަޑައިގަންނަވަ އެވެ.

އަބްދުﷲ ޖަމީލްގެ ބައްޕާފުޅަކީ މަޝްހޫރު ދިނީ އިލްމުވެރިޔާ އަދި ދިވެހި ބަހުގެ އަދީބު ފަޟީލަތުއް ޝައިޚް މުހައްމަދު ޖަމީލް ދީދީ އެވެ.