ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ފޮރެންސިކް ދެ ފުލުހެއްގެ ހެކިބަސް ނަގައިފި އެވެ.

އެ މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އަދި ކްރިކް ރިޒާގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ހުށަހެޅުމުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދިރިއުޅުއްވާ ގެއިން 2015 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ލެޕްޓޮޕް ތަހުލީލުކޮށް، ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި އެގްޒަމިނަރާއި ރ. ފުއްގިރި މައްސަލައިގެ މޯބައިލް ފޯން އެނާލިސިސް ރިޕޯޓު ތައްޔާރުކުރި އެގްޒަމިނަރުގެ ހެކިބަސް ނަގައިފަ އެވެ.

މިއަދު ފުރަތަމަ ހެކިބަސް ދިނީ 2020 ވަނަ އަހަރު ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފުލުހެވެ. އޭނާ ވަނީ ޗެޓްލޮގެއް އޭނާއަށް ފެނުނު ކަމަށާއި އެއީ ސައްހަ ޗެޓްލޮގެއްކަމަށް ހެކިބަސް ދީފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލިއިރު، ދިފާއީ ވަކީލުންނަށް ދެވަނަ ހެކިވެރިޔާއާ ސުވާލެއް ނުކުރެވެ އެވެ. ގާޒީ ނިންމެވީ މާދަމާ ބާއްވާ އަޑުއެހުމުގައި ދެވަނަ ހެކިވެރިޔާއާ ސުވާލުކުރުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް ދިނުަމށެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގައިފަ އެވެ.