އެއްވެސް މީހަކަށް އަނިޔާއެއްނުކުރާ ކަމަށާއި އެފަދަ ކަމެއް އުޅޭ ކަމަށް ގަބޫލުކުރެވޭނެނަމަ އެމައްސަލައެއް ކަމާ ގުޅޭ އިދާރާއަކަށް ހުށަހެޅުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޯލިޝަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްއަށް ފޮނުއްވި ސިޓީގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ އަބްދުއްރަހީމްގެ ސިޓީގައި ކުރައްވާފައިވާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ލިޔުއްވާފައިވާ ވާހަކަތަކެއް ކަމަށް ރައީސް ސޯލިހް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އިދިކޮޅު ލީޑަރު ރައީސް ޔާމީން މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ޝަރުއީ ކޯޓަކުން އިއްވާފައިވާ ހުކުމެއް ކަމަށްވެސް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އެހެންކަމުން އެ ހުކުމާއި ރައީސް ސޯލިހާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ ރައީސް ސޯލިހް އިސްވެ ހުންނަވައިގެން ކުރައްވާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

"ރައީސް ޔާމީން ޝަރުއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އަދި ހުކުމެއް އިސްތިއުނާފުގެ މަރުހަލާ މިހާރު ހިނގަމުންދާއިރު އެފަދަ ކަމެއްގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވެދެވަޑައިގެން އެކަމާ ގުޅޭގޮތުން އެއްވެސް ބަޔަކާ ބައްދަލުކުރެއްވުމަކީ ހަމަޖެހޭ ގޮތެއް ނޫންކަން އަބްދުއްރަހީމުވެސް ގަބޫލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަގީންކުރައްވަ އެވެ." ރައީސް އޮފީހުގެ ސިޓީގައިވެ އެވެ.

ރައީސް ސޯލިހު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޮލިޝަނަށް ފޮނުއްވި ޖަވާބުގެ ސިޓީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމު ސޮއިކުރައްވައި ހަވާލުކުރެއްވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ރައީސާ ބައްދަލުކުރެއްވުމަށް އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ރައީސް އޮފީހަށް ވަޑައިގަންނަވާތާ މިއަދަށް ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް ފަހަރެއްގައި ރައީސާ ބައްދަލުނުކުރެއްވޭކަން ފާހަގަކުރައްވައި އަދުރޭގެ ސިޓީގައި ބަޔާންކުރައްވާފައިވަނީ ބައްދަލުކުރައްވަން އިދިކޮޅުން އެދެނީ ވަރަށް މުހިއްމު ސަބަބުތަކެއް ހުރުމުން ކަމަށެވެ.

މި ސިޓީގައި ވަނީ އިދިކޮޅު ލީޑަރު ކަމުގައިވާ ކުރީގެ ރައީސް ޔާމީނަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިސްވެ ހުންނަވައިގެން އަނިޔާކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ރައީސް ޔާމީން ޖަލަށްލުމަށްފަހު ދިވެހިންގެ މަސްކަނޑާއި ބިންތަކާއި މިނިވަންކަން ރައީސް ސޯލިހު ވިއްކަވައިލައްވަމުންދިއުމަކީ ވެސް އެމަނިކުފާނާ ބައްދަލުކުރަން އިދިކޮޅުން ބޭނުންވާ ސަބަބެއްކަމަށް އެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުކަމަށްވާ ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެންނެވުމަށްފަހު ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިނުގެން ރައީސް އިބްރާހީމު ފިއްލަވައިގެން އުޅުއްވާކަމަށްވެސް ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

އަދި ރައީސް އޮފީހުގައި ތިއްބަވައިގެން އަތްޕުޅުން ސިޓީއެއް ލިޔުއްވައި ހަވާލުކުރައްވަން ޖެހިވަޑައިގަތީ ރަސްމީ ޕްރޮޓޮކޯލުގެ ތެރެއިން މަސައްކަތްކޮށްގެން ކުރިއެރުމެއް ނުލިބުމުންކަމަށާއި، މީގެ ކުރިންވެސް ރައީސް ސޯލިހާ ބައްދަލުކުރައްވަން އެތައް ސިޓީއެއް ފޮނުއްވާފައިވާކަމަށް އަދުރޭގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.