ސަރުކާރުގެ މެޖޯރޮޓީ މިވަގުތު އޮތް މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވައިގެން މަޖިލިސް ހުއްޓުވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ޕީޖީ ގްރޫޕުން ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައިނޯރިޓީ ލީޑަރު

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވީ މަޖިލިސް ހުއްޓުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަބަބުން ކަމަށާއި މަޖިލިސް ހިނގާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަނޭޅޭނެ ކަމަށާއި ދެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން މަޖިލިސް ހުއްޓުމަކަށް އަންނާނެކަން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގައި މެންބަރެއްގެ ގޮތުން މަސައްކަތްކުރެއްވި ރައީސް ސޯލިހަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"އެނގިތިބެ ސަރުކާރުން ރާވައިގެން ހިންގި ވަރަށް ބޮޑު ޖަރީމާއެއް،" ސަލީމް ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މަޖިލިސް ތަޅުލާފައި ނުބެހެއްޓޭނެ ކަމަށާއި ޖަލްސާތައް ހުއްޓުވާފައި ވަނީ ސަރުކާރުގެ ނުފޫޒުތަކުގެ ވާހަކަ މަޖިލީހުގެ ތެރޭގައި ދައްކާނެތީ ކަމަށެވެ.

މަޖިލިސް ބަންދުކޮށްފައި ބާއްވައިގެން ސަރުކާރުން ބޭނުން ވަނީ ޖުޑިޝަރީ ކޮމިޓީ ހުއްޓުމަކަށް ގެނެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުފޫޒު ފޯރުވުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖެ-މޮރިޝަސް މައްސަލާގައި އިތުބާރުނެތް ކަމުގެ މައްސަލަތަކެއް އިދިކޮޅު ފަރާތްތަކުން ވައްދާފައިވާތީ އެކަންކަން އިތުރަށް ކުރިޔަށް ގެންދަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. "މިއީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް. ހުދުމުހުތާރު ކަމުގެ ލާމަސީލް މިސާލެއް،" އޭނާ ވިދާޅުވި އެވެ.

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުގައި ސަރުކާރުން "މަރުތަޅު" އެޅުވީ ގަސްތުގައި ކަމަށާއި މިއީ ތިން ބާރު ވަކިވެފައިވާ ދައުލަތެއް ނޫން ކަމަށެވެ.

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މަޖިލިސް ހިސޯރުކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސަރުކާރުން ހިންގާނެ ބޮޑެތި ޖަރީމާތަކާއި ގާނޫނާ ހިލާފު ކަންތައްތައް މަޖިލީހުގައި ހާމަކޮށް އަޑުއުފުލުން ހުއްޓުވުމަށެވެ.

މިހަފްތާގައިވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. އަދި ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތިގެން މިއަދުގެ ޖަލްސާވެސް ނުބާއްވަ އެވެ.