އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނީ ހައްޖުވެރިންގެ މަތިވެރި ދުއާއާއެކު ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ ހައްޖާޖީން، ހައްޖުގެ މަތިވެރި އަޅުކަން ފަށައިގަންނަ ދުވަސް ކަމަށެވެ. މިއާއެކު ހައްޖުގެ އަޅުކަމާއި، ރިޔާސީ އިންތިހާބާއި ގުޅުވާލަމުން އިމްރާން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބު، އަދާލަތު ޕާޓީން ތާއީދުކުރާ ކެންޑިޑޭޓް، ރައީސް ސޯލިހު ކާމިޔާބު ކުރައްވާނީ ހައްޖަށް ވަޑައިގެން ތިއްބެވި އެންމެހާ އަޚުންނާއި އުޚުތުންގެ މަތިވެރި ދުއާތަކާ ވެސް އެކުގައި ކަމަށެވެ.

"މި އަހަރުގެ އިންތިޚާބު އަޅުގަނޑުމެން އެއްބުރުން ކާމިޔާބު ކުރާނީ އިރާދަކުރެއްވިޔާ ހައްޖަށް ވަޑައިގެންވާ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންގެ މަތިވެރި ދުޢާ ތަކާއެކުގައެވެ." އިމްރާން ވިދާޅުވި އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީގެ އިތުރުން އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އިންނެވެ.

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކެމްޕޭނަށް ނުކުންނަވަން ކޯލިޝަން ޕާޓީތަކާއި ކެމްޕޭން ޓީމުތަކާ އެކު ދާދި ފަހުން ވަނީ މަޝްވަރާ ވެސް ކުރައްވައިފަ އެވެ. ރައީސްގެ ކެމްޕޭން ފަށަން ނިންމާފައި ވަނީ ކުރިއަށް އޮތް އީދު ބަންދަށް ފަހު އެވެ.

މި ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ރައީސް ސޯލިހު އެއް ބުރުން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވާއިރު، އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ރައީސް ސޯލިހު އިންތިހާބުން ބަލިވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު އިދިކޮޅު ޕާޓީތަކުން ބުނަމުން އަންނަނީ އިންސާފުވެރިން މިނިވަން އިންތިހާބެއް ބޭއްވުމުގެ ޖާގައެއް މިހާރު ނެތް ކަމަށެވެ. އެގޮތުން އިލެކްޝަން ކޮމިޝަންނަށް ވެސް މިސަރުކާރުގެ ނުފޫޒް ފޯރުވާފައިވާ ކަމަށް ވެސް އިދިކޮޅު ތުހުމަތުކުރެ އެވެ.

މީގެ އިތުރުން ރައީސް ސޯލިހު އިސްކޮށް ހުންނަވައިގެން ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވާ ކަމަށާއި ޝަރުއީ ދާއިރާއަށް ވެސް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.